ގުއަންތަނާމޯގައި އެމެރިކާއިން އަނިޔާ ކުރި އަސީރެއްގެ ޑައިރީ

(ކުރެހުންތަކަކީ މުސްލިމު އަސީރުން ސިފަކޮށް ދިން ގޮތާއެއްގޮތަަށް އިންޓަރނޭޝަނަލް މީޑިއާއިން ތަައްޔާރުކޮށްފައިވާ ކުރެހުންތަކކެެވެ.)

1

އެއީ މީގެ 21 އަހަރު ކުރިން މިފަދަ މަހެއްގައެވެ. އެމެރިކާގެ ކާގޯ މަތިންދާ ބޯޓެއްގެ ބަނޑުގައި، އަހަރެންނާއި އެހެން މީހުން އުފުލީ، ނޫމު މަތީގައި ފޮތިއަޅައި ނިވާކޮށްގެންނެވެ. ކަނނު ބަނދެގެންނެވެ. ނޭވާ ހާސްކޮށްލާފަދަ ކޮތަޅެއް ބޮލަށް ފައްތައިގެންނެވެ. އޮރެންޖު ކުލައިގެ ޖަމްޕްސޫޓެއް ލައްވައި ޗެންޗޭނުޖަހައިގެންނެވެ. 40 ގަޑިއިރަށް ވުރެ ގިނައިރު ބޯޓުގައި އުދުހެމުން ދިޔައީމެވެ. އަހަރެން ގެންދަނީ ކޮންތާކަށް ކަމެއް، ކީއްވެގެން ކަމެއް އަހަރަމެންނަކަށް ނޭނގެއެވެ. އަހަރަމެންނަށް ވާނުވާ ކިޔައި ދީފައެއް ނުވެއެވެ.

ގޮތް ނޭނގޭ މަންޒިލަކަށް އަހަރެންގެ ދަތުރު ފެށިގެން ދިޔައީ 2001 ވަނަ އަހަރު އެމެރިކާއިން އަފްޣާނިސްތާނަށް އަރައިގަތުމަށްފަހު އަހަރެންނަކީ، “މިސްރުގެ އަލްޤައިދާ ޖެނެރަލެއްގެ” ގޮތުގައި ސީއައިއޭއަށް އަހަރެން ވިއްކާލުމުން ނެވެ. އެއިރު އަހަރެންނަކީ 18 އަހަރުގެ ޝާއްބަ ޒުވާނަކީމެވެ. އަހަރެންނަކީ މިސްރު މީހެއް ނޫނީމެވެ. އަހަރެންނަކީ ޔަމަނުގެ ރަށްވެއްސަކީމެވެ.

އަފްޣާނިސްތާނުގެ ކަނު އަނދިރި ބިންގަރާހެއްގައި ގާތްގަނޑަކަށް ތިން މަސް ދުވަހު ބަންދުކޮށްފައި ބެހެއްޓިއެވެ. އަހަރެން އެއްތަނުން އަނެއް ތަނަށް އުފުލައި ހެއްޖެވެ. ދަމާ ކޫއްތަމުންނެވެ. އެންމެ ފަހުން ގެންދިޔައީ ޓްރާންސިޓް ސްޓޭޝަނެއްގެ ގޮތުގައި ބޭނުން ކުރާ ކަންދަހާރު އެއާބޭސްގެ އަސްކަރީ ޖަލަށެވެ. އެތަނުގައި ހހިލިހިލާ ޖަހައިގެން ގެންގުޅުނީ ހަމައެކަނި އަހަރެން އެކަންޏެއް ނޫނެވެ.

އޭގެ ތިން ހަފްތާ ފަހުން ބޮޑު ކާގޯ ބޯޓެއް ކަންދަހާރަށް ޖެއްސުމުން އަހަރެމެން އެންމެންނަށް ވެސް ޔަގީންވީ، އަހަރެމެންގެ ތެރެއިން ބައެއް މީހުން ގެއްލިގެން ހިނގައި ދާނެ ކަމަށެވެ. ކަނު ބަނދެފައި ހުރުމުން ތަނެއް ނުފެނެއެވެ. އަނގަ މަތީ މަލަން އަޅާފައި ބަންދުކޮށްފައި ހުރުމުން އަޑެއް ނު ރެވެއެވެ. ހިލިހިލާ ގަނޑަށް ވާންކުރަމުން ބިންމަތީގައި ދަމަމުން މަތިންދާ ބޯޓަށް ލައި ބޯޓުގެ ތަޅުމާއެއްކޮށް އަހަރެންގެ ހިލިހިލާ މަލަރުކޮށްލިއެވެ.

އެއީ ކެތް ނުކުރެވޭފަދަ ވޭނާއި ތަކުލީފުގެ ދަތުރެކެވެ. އެންމެ ފަހުން ބޯޓު އޭގެ މަންޒިލަށް ޖެއްސިއިރު އަހަރެމެން އުއްމީދުކުރީ އެއީ އަހަރެމެންގެ ތަކުލީފަށް ނިމުމެއް ކަމަށެވެ. ވީކީ އެހެނެއް ނޫނެވެ. އެއީ ހަމައެކަނި މިއަށްވުރެ ދިގު، މިއަށްވުރެ އަނިޔާވެރި ދަތުރެއްގެ ފެށުމެވެ.

އެމެރިކާ ސިފައިންގެ އަނިޔާވެރި ތެޅުންތަކާއި ކަރު ބުޑުން ހަޅޭއް ލެވުމުން ދުވަހަކުވެސް އެމީހުން ވަރުބަލިވާނެ ހެނެއް ހިއެއް ނުވެއެވެ. ދެވަނަ ފްލައިޓުގެ ދަތުރު ނިމުނުއިރު އަދިވެސް އަނިޔާގެ ދަތުރު ނިމުނީކީ އެއް ނޫނެވެ. އެމެރިކާގެ މެރިންސް އަހަރެންގެ ހިލިހިލާގައި ޖަހައިގަނެ،  ދަމައިގަނެގެން ބަހަކަށް އަރުވައިގެން ގެންދިޔައެވެ. އެއަށްފަހު އެރުވީ ފެރީއަކަށެވެ.

2

އަހަރެން ގެންދިޔައީ ކޮންތާކަށް ހެއްޔެވެ؟ ފުރަތަމަ ފިލާވަޅެއް ލިބުނީ މޫދުން ނެވެ. އެ ރާޅުތަކުގެ އަޑާއި އެ ލޮނު ވައިގެ ވަހުން އަހަރެންނަށް މަރުހަބާ ކިޔާ ފުރަތަމަ އެކުވެރިޔާ އަކަށް މޫދު ވެގެން ދިޔައެވެ.

މެރިން ސިފައިންގެ މީހަކު އިނގިރޭސި ބަހުން ކަރު ބުޑުން ފެލިގެންފިއެވެ.  އަރަބި ބަސް ދަންނަ މެރިން ސިފައިންގެ މީހަކު އޭނާގެ ވައްވައް ޖެހުންތައް ހަމަ އެރާގަށް ތަރުޖަމާ ކޮށްލިއެވެ. ބުންޏެވެ.

“ތިޔަ އޮތީ އެމެރިކާގެ މެރިންސްގެ ކޮންޓްރޯލްގެ ދަށުގައި!” ދެން ބާކީ އޮތްބައި ފަހުމުވާ ވަރަށް ވުރެން ވަރުގަދައަށް ހަޅޭއްލައި ޖިސްމާނީ އަނިޔާ ކުރަން ފެށިއެވެ.

އެންމެ ފަހުން އެ ފެރީ ބަނދަރު ކުރުމުން ދަތުރުގެ އެންމެ ފަހު މަންޒިލަށް އުފުލީ ބަހެއްގައެވެ. އެތައް އިރެއް ވަންދެން ކުޑަކަކޫ ޖަހައިގެން އިށީދެ އިންނަން މަޖުބޫރު ކުރި އެވެ.

އަނގަމަތީގައި ބާރަށް ތަތްކޮށްފައި އޮތް މަލަންގަނޑު ނެގިއެވެ. އަހަރެންގެ ކެކުޅުމަށް ކުޑަ ލުޔެއް ލިބުނެވެ. އެކަމަކު އަހަރެންގެ ހަށިގަނޑުގެ ކޮންމެ ސެލްއަކުން ދިޔައީ ކެކުޅުމާއެކު ހަޅޭއް ލަވަމުންނެވެ. އެކަމަކު އެރުއިމަކީ މީހަށް އިވޭނެ އަޑުތަކެއް ނޫނެވެ.

އެމީހުންނަށް އަހަރެންގެ ވޭންތައް އިހުސާސް ނުވިއަސް ފެންނާނެއެވެ. އެމީހުންގެ އިންސާނިއްޔަތުގެ ޒަމީރު އެމީހުންނާ ދިމާއަށް ހަލޭއްލަވާހެންވެސް އަހަރެންނަށް ހީވިއެވެ.

މިއީ ޕްރޮސެސިންގ ސްޓޭޝަނެވެ. މި ސްޓޭޝަނުން އަސީރުން ޕްރޮސެސް ކުރަނީއެވެ. އެކަން ކުރަނީ މީހާ ބަރަހަނާ ހާލުގައި ބަހައްޓައިގެން އިހާނެތިކަމާއެކު އޭނާގެ ކިބައިން އިންސާނީ ކަރާމަތް ނިގުޅައި ގަތުމާއެކުގައެވެ. ޕްރޮސެސިން ސްޓޭޝަނުން ގެންދަނީ ހިލިހިލާގަނޑުގައި ހިފައި ދަމައި އަހަރެން ބިންމައްޗަށް ވައްޓާލައި ކަށިވެލިގަނޑު މަތީގައި ބީހެމުންދާ މިނިހަންތައް ހިމުންކޮށް ގޭނޭ ގޮތަށެވެ.

ދެން އައި ސްޓޭޝަންގައި އަހަރެންގެ ގައިމައްޗަށް ކުއްތާތަކެއް ހެން އަރައިގަތީ އައިއާރުއެފް (އިމިޑިއޭޓް ރިއެކްޝަން ފޯސް) ޓީމެކެވެ. އެމީހުންގެ ކަމަކީ އަނިޔާވެރި ގޮތަކަށް އަހަރެންގެ ހިލިހިލާ ނެއްޓުމެވެ. ބޮލަށް ފައްތާފައު އޮތް ކޮތަޅު ނަގައި، ކަނު ބަނދެފައި ހުރި ފޮތިގަނޑު މޮހެލައިފިއެވެ.

ކަންފަތް ބަތް ކޮށްލާފަދަ ވައްވައް ޖެހުމަކުން ހަޅޭއްލަވައި ގަނެ ބުނަމުން ދިޔައެވެ. “ޑިޓެއިނީ 441! ސްޓޮޕް ރެސިސްޓިންގ!”

އަހަރެންގެ ފުށުން ފެންނާނީ ކޮން ދެކޮޅު ހެދުމެއް ހެއްޔެވެ؟ ހަށިގަނޑުގައި އަޅާ ވޭންތަކާ ހެދި ނޭވާލެވެނީވެސް ހަމަ ކިރިޔާއެވެ.

ނޭނގި ނަމަވެސް އެވަގުތު އެމީހުން އަހަރެންނަށް ކޮށްދިން ހެޔޮކަމަކީ އަހަރެންގެ ޒަމީރަށާއި ސިކުނޑިއަށް (ރެސިސްޓެންސް) “ދެކޮޅުވެރިކަން ދެއްކުން” މި ލަފުޒު ތަޢާރަފް ކޮށްދިނުމެވެ. އެއީ އަހަރެން ދިރިހުރުމަށް ކުރަން ޖެހޭ ކަމެކެވެ. އެހާތަނަށް އަހަރެންނަކަށް ހަމަ އެކަމުގެ އެއްވެސް ޚިޔާލެއް ނެތެވެ.

3

އަހަރެން ބަންދުކޮށްފައިވާ ތަނަށް ވެރިވެފައި އޮތީ ކަޅު އަނދިރި ކަމެކެވެ. އަހަރެންގެ ލޮލުގެ ފެނުން ކަނު އަނދިރިއަށް ހޭނެން ވަގުތުކޮޅެއް ނެގި އެވެ. އަހަރެންނަށް ވަށައިގެން ފެނުނީ އޮރެންޖު ކުލަތަކެވެ. އެއީ އަހަރެން ފަދައިން ކޮށި ކޮށްޓަށް ލާފައި ތިބި އިންސާނުންނެވެ. އަސީރުންނެވެ.

އަހަރެންގެ ކަންފަތަށް އިވެނީ ހިލިހިލާތައް ތެޅެމުން ދިޔަ ބިންމަތީގައި ދެމޭ އަޑެވެ. ސިފައިން ބާރަށް ދޮރުތައް ތަޅަމުން ދާ އަޑެވެ. ކިރިޔާ އަޑެއް އިވުނަސް ސިފައިން ބުނެއެވެ.

“ޝަޓް ދަ ފ***ކް އަޕް، ޑޮންޓް ލޫކް އެޓް މީ، ލޫކް ޑައުން! ނޯ ޓޯކިން” ކަނު އަނދިރީގައި އެމީހުންނަށް ބަލާނީ ކާކު ހެއްޔެވެ؟ ބެއްޔަސް ފެންނާނެ ހެއްޔެވެ؟

ދުރުން ވައްވައްޖަހާ ކުއްތާތަކުގެ އަޑުތައް އިވެއެވެ. އެސޮރުމެންގެ އަޑުތަކަށް ވުރެން ވައްވައް ޖަހަމުން ދިޔަ ސިފައިންގެ އަޑުތައް މާބިރުވެރިއެވެ. ކުއްތާތަކުގެ ވައްވައްޖެހުން މެދު ނުކެނޑެއެވެ. ހީވަނީ ލާއިންސާނީ އަމަލުތަކަށް ނުރުހިގެން އެސޮރުމެންވެސް އިހުތިޖާޖު ކުރަމުން ދިޔައީ ހެންނެވެ.

ގުއަންޓަނާމޯ ބޭ ޑިޓެންޝަން ކޭމްޕްގައި އަހަރެން ލޯހުޅުވާލި ފުރަތަމަ ދުވަހު ހެނދުނު އަހަރެން ވަށައިގެންވާ މާހައުލަށް ނިކަން ރަނގަޅަށް ބަލައިލީމެވެ.

އަހަރެން ފެނުނީ އަހަރެން ހިލިހިލާ ޖަހައި ބަންދުކޮށްފައި ކޮށްޓަކީ އެތަނަކަށް ޖަނަވާރަކުވެސް ލައިފިނަމަ ދިރި ނުހުންނާނެ ވަރުގެ ކޮށްޓެއް ކަމަށެވެ. އަހަރެންނަށް ޚާއްސަކޮށްފައިވާ ކޮށީގައި އަހަރެން އެކަންޏެވެ. އެހެން ކޮށިތަކުގައި އިތުރު އެތައް ބަޔަކު ތިއްބެވެ.

އަހަރެންނަށް ފެންނަމުން ދިޔައީ ދުޅަވެފައިވާ މޫނުތަކާއި ޖެހިޖެހީނުން ލޭއަރުވާލައި ކަޅުކޮށްފައިވާ ލޯތަކާއި، ބާލާފައިވާ ބޯތަކާއި ތުނބުޅިން މަހުރޫމު ކޮށްފައިވާ މޫނުތަކާއި ފަޅައިގެން ގޮސްފައިވާ ތުންފަތްތަކާއި ލޭ އައިސް ކުރަމަގާލިއަށް ބަދަލުވާން ބޭނުންވެފައިވާ ޒަޚަމްތަކެވެ.

އަހަރެމެން އެންމެންވެސް ތިބީ ހަމަ އެއް ގޮތަކަށެވެ. ބަލާ ބެލުމަށް ހީވަނީ އަހަރަމެން ކޮންމެ މީހެއްގެ މޫނުމަތީގައި ސިފައިން ސިއްކައެއް ޖަހައި ސޮއެއް ބޭނުން ކޮށްފައި އޮތީ ހެންނެވެ.

އެއީ، އެމެރިކާގެ ރައީސް ޖޯޖް ޑަބްލިއު ބުޝް އާއި އޭނާގެ ވެރިކަމުގައި “ޓެރަރިޒަމާ ދެކޮޅަށް ކުރާ ހަނގުރާމަ” މިހާރު “ކާމިޔާބު” ކުރަމުންދާކަން ސާބިތުކޮށްދޭން ޖެހޭ ހެއްކެއްގެ ގޮތުގައި ދައްކާލާ ނިޝާންތަކެވެ. އެމީހުންގެ ލިސްޓުގައި އަހަރަމެންނަކީ އެންމެ ނުބައި މީހުންނެވެ.

މި ގޮތް ނޭނގޭ މަންޒިލަށް އަހަރަމެން ދަމާ ކޫއްތާ ގެނެވުނީ ދުނިޔޭގެ އެކި ކަންކޮޅުތަކުންނެވެ. އަހަރެމެންގެ ތެރެއިން ބައެއް މީހުން ޣަނީމާ މުދަލުގެ ގޮތުގައި ވިއްކާލާފައި ވެއެވެ. ބައެއް މީހުން އެމެރިކާގެ ޖާސޫސީ އިދާރާ  ސީއައިއޭއާ ހަވާލުކުރީ އެމީހުންގެ އަމިއްލަ ސަރުކާރުތަކުންނެވެ.

4

އެއީ ތާރީޚުގައި މިފަދަ ކަމެއް ކުރި ފުރަތަމަ ފަހަރެވެ. އެތާގައި ތިބި އަހަރެމެން އެންމެނަކީ، ކުޑަކުދިންނާއި ބޮޑެތި މީހުންނާއެކު ޖުމުލަ 800 މީހުންނެވެ. އަހަރެމެންނަކީ ތަފާތު 20 ބަހަކުން ވާހަކަ ދައްކާ 50 ގައުމެއްގެ މީހުންނެވެ. އަހަރެމެން ބައިތިއްބާފައި ވަނީ އެމެރިކާގެ ޖަލެއްގައެވެ. އެކަމަކު އެއީ އެމެރިކާގެ ފަސްގަނޑުގައި ހުރި ޖަލެއްވެސް ނޫނެވެ.

އަހަރަމެންގެ އަތުން ހުރިހައި އެއްޗެއްވެސް ވަނީ ފޭރިގެންފައެވެ. އަހަރެމެންގެ އިއްޒަތުއްނަފްސުވެސް ވަނީ ފޭރިގެންފައެވެ. އަހަރަމެންގެ ނަމެއްވެސް ނެތެވެ. އަހަރަމެންނަށް ދީފައި ވަނީ ނަންބަރެކެވެ. އަހަރަމެންނަކީ ހަމައެކަނި އޮރެންޖް ކުލައިގެ ކޮތަޅު ހެދުމަށް އެރި ތިބޭ އަތުކުރީގައި ބަންދެފައި އޮތް ބިޑީގައި އެމީހާއަށް ޚާއްސަ ނަންބަރެއް ޖަހާފައިވާ މީހެކެވެ.

އަހަރެމެންގެ ހަށިގަނޑު ޖަލަށްލައި އަހަރެމެން ކޮންޓްރޯލްކޮށް އަހަރެމެންގެ އިންސާނިއްޔަތު ކަމަށް އިންކާރު ކުރަން އެމެރިކާ ސިފައިން ބޭނުންވި ނަމަވެސް އަހަރަމެން ކޮންމެ މީހަކީ ތަފާތު ފަރުދެއްގެ ގޮތުގައި ނަމަކާއި، އަމިއްލަ އަގީދާއަކާއި ގަބޫލުކުރާ ހަމަތަކަކާއި އިންސާނީ އަދި އާއިލީ ގުޅުންތަކާއި އަޚްލާޤާއި ޖަޒުބާތުތަކާއި، ހަނދާންތަކާއި، ބަހާއި، ޢިލްމާއި، ތަޖުރިބާތަކާއި، ހުނަރާއި، އިޙްސާސްތަކާއި، ހުވަފެންތަކާއި، ގައުމިއްޔަތެއް ލިބިގެން ތިބި ބަޔަކީމެވެ. ހަމަގައިމުވެސް، އަހަރެމެންނަކީ ޠަބީޢީ ގޮތުން ތަފާތު އިންސާނުން ތަކެކެވެ.

ޖުމުލަކޮށް ބުނާނަމަ އެ ހުރިހައި ކަމަކީ އަހަރެމެންގެ ޑީއެންއޭއެއްގެ ބައެކެވެ. އެމެރިކާ ސިފައިން ހީކުރީ، އަހަރެމެންގެ ހަށިގަނޑު ފޭރިގަނެ، މިނިވަންކަން ނިގުލައި ގަނެގެން އަހަރެމެން ކޮންޓްރޯލް ކުރެވޭނެ ކަމަށެވެ. ނަމަވެސް ދުވަހަކުވެސް އެމީހުންނަކަށް އަހަރެމެންގެ ހިތާއި ނަފްސު ކޮންޓްރޯލެއް ނުކުރެވުނެވެ.

ތެދެކެވެ! އަހަރެމެން ތިބީ އެކަހެރި ކޮށްފައެވެ. އަހަރެމެންގެ އާއިލާތަކާއި ދުނިޔޭގެ އެހެން ކަންކަމާ އަހަރެމެން ގުޅުން ކެނޑިފައި ތިބި ނަމަވެސް، އެމެރިކާގެ އަނދިރި ޖަންގަލީ އަނިޔާގައިވެސް އަހަރަމެންނަށް އަހަރަމެންގެ ދިރިހުރުން ކާމިޔާބު ކުރެވުނެވެ. އަހަރެމެން އުފެއްދީ އަހަރަމެންގެ އަމިއްލަ ދުނިޔެއެވެ.

އަޅުގަނޑުމެންނަށް އަނިޔާކުރިއެވެ. އަނިޔާ ލިބުނު ނަމަވެސް، އަހަރަމެން ލަވަކިޔައި ހެދީމެވެ. ނަށައި ވެސް ހެދީމެވެ. ދެކޮޅު ހަދަން ޖެހޭ ވަގުތު ދެކޮޅު ހަދައި ވެސް ހެދީމެވެ. އަހަރަމެން ސަލާމަތްވީ އެހެންވެގެންނެވެ.

ދާދި އަވަހަކަށް ގުއަންޓަނާމޯގައި އެމެރިކާ ސިފައިންގެ ހުރަސްތަކާއެކުވެސް އަހަރަމެންނަށް ގަވާއިދުން ޒިޔާރަތް ކުރަން މެހުމާނުން އަންނަން ފަށައިފިއެވެ. އެމެރިކާ ސިފައިންނަށްވެސް ގޮންޖަހަމުން އެމީހުން ޒިޔާރަތް ކުރީ ސީއައިއޭގެ އެއްވެސް ކްލިއަރެންސެއް ހޯދުމަކާ ނުލައެވެ.

އެމީހުން އަހަރަމެންގެ ކޮއްތު ހިއްސާކުރެއެވެ. އަހަރަމެންގެ ވާހަކަތައް އަޑު އަހައެވެ. އަދި ހުރިހައި ކަމެއްވެސް ރަނގަޅުވާނެ ކަމޖުގެ ޔަގީންކަން އަހަރަމެނަށް ދެއެވެ. އެ ސޮރުމެން ވެގެން ދިޔައީ އަހަރަމެންގެ އާއިލާތަކާއި ރައްޓެހިންނަށެވެ. އެއީ، ބުޅާތަކާއި އިގުއާނާތަކާއި ދޫންޏާއި މީދާތަކެވެ!

ގުއަންޓަނާމޯ ގެ އަނިޔާވެރި ޖަލު ފެށުނީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ހޮވާލެވޭ މުސްލިމުން ބަންދު ކުރުމުންނެވެ. ނަމަވެސް އެތަން ދިޔައީ ބަދަލުވަމުން ތަރައްގީވަމުން ކުރިއަރަމުންނެވެ.

އަހަރެމެންގެ ދިރިއުޅެމުން ވެސް ދިޔައީ ކޭމްޕް އެކްސްރޭއާއި ކޭމްޕް ޑެލްޓާއާއި ކޭމްޕް 5، ކޭމްޕް 6، ކޭމްޕް އެކޯ ފަދަ ތަންތަނުން ބަދަލުވަމުންނެވެ.

އަހަރަމެން ދިޔައީ އަނިޔާ ކުރުމަށް އެމެރިކާއިން ރާވާފައިވާ ޚާއްސަ ޕްރޮގްރާމްތަކުގައި ގެންގުޅެމުންނެވެ. ތަހުގީގަށް ސުވާލުކުރާ މީހުންނާއި ނަފްސާނީ މާހިރުންނާއި އަދި ކޭމްޕްގެ މުވައްޒަފުންގެ އަނިޔާތަކަށް ކެތް ކުރަމުންނެވެ.

ބަނޑުހައިހޫނުކަމުގެ ހަޅުތާލުވެސް ކުރީމެވެ. އަނިޔާތަކާއި އަނިޔާވެރިކަމާ ދެކޮޅަށް މުޒާހަރާވެސް ކުރީމެވެ. ބަދަލުގައި އަހަރަމެންނަށް ލިބުނީ އަނެއްކާވެސް އިތުރު އަނިޔާތަކެވެ. އެކަމަކުވެސް ކެތް ކުރީމެވެ. ދެންވެސް ހަމަ އެގޮތަށް ކަން ކުރީމެވެ.

5

އަހަރެމެން ގުއަންޓަނާމޯގެ ހުރިހާ އަހަރުތަކެއް ތެރޭން އަހަރަމެންވެސް ދިރި ތިބީމުއެވެ. އެމެރިކާގެ އަނިޔާވެރި ކަޅު އަހަރުތަކުގައިވެސް އަހަރަމެން ދިރިތިބީމުއެވެ.

ކޮންމެ އަހަރަކާއެކު އަހަރެމެން ދިޔައީ މުސްކުޅިވަމުންނެވެ. އަހަރެމެންގެ ޖައްލާދުން ދިޔައީ އެމީހުންގެ އަނިޔާގެ އަމަލުތަކާއި އުކުޅުތަކުގައި އިހުނަށްވުރެން ހުނަރުވެރި ވަމުންނެވެ. އަހަރަމެންނަށް އަނިޔާކޮށް އަހަރަމެން ބޭނުން ނުވާ ޖަނަވާރަކަށް އަހަރަމެން ބަދަލުކުރުމަށް އެމީހުން މަސައްކަތް ކުރިއެވެ. އަހަރަމެން އެތައްތަގަނޑަކަށް ފައްތައެއް ނުލެވުނެވެ.

އެ އަނދިރި އަނިޔާވެރިކަމުން ދިރިހުރުމަށްޓަކައި އަހަރެމެންނަށް ލިބުނީ ހަމައެކަނި އެކަކު އަނެކަކަށް އަހަރަމެންގެ ހިތުގައި އޮތް ކުލުނެވެ. އަހަރެމެން އިންސާނުންނަށް ވާފަދަ ކޮންމެ އަމަލެކެވެ. އަހަރެމެންނަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން އައިސްތިބި، ބައްޕައިންނާއި ފިރިންނާއި އަޚުންނާއި ދަރިންނެވެ. އަހަރަމެންގެ ތެރެއިން ބައެއް މީހުންނަކީ ޓީޗަރުންނެވެ. ޑޮކްޓަރުންނެވެ. ސިފައިންނާއި، ކޮމާންޑަރުންނާއި، ނޫސްވެރިންނާއި، ވަކީލުންނާއި، ޤަބީލާގެ އިސްވެރިންނެވެ. މާފިޔާ ބޮޑުންނާއި ޅެންވެރިންނާއި، ޕްރޮފެސަރުންނެވެ. އަދި އަހަރަމެންގެ ތެރޭން ބައެއް މީހުންނަކީ ޖާސޫސުންނެވެ.

ގުއަންޓަނާމޯ އަށް އަހަރަމެން ގެނަސް އިންދުމުގެ ކުރިން އަހަރަމެންނަކީ އެކަކުއަނެކަކާ ގުޅޭ ހިއްސާކުރާ އެއްވެސް ދެވަނަ ކަމެއް އޮތް ބައެއް ނޫނީމެވެ. އަހަރަމެން ކޮންމެ މީހަކީވެސް ތަފާތު ދިރިއުޅުމެއްގައި ތަފާތު ސަގާފަތެއްގައި ތަފާތު މަސައްކަތެއްގައި އުޅުނު މީހެކެވެ.

ފުރަތަމަ ފަހަރަށް އަހަރެމެން އެކަކު އަނެކަކަށް ތަޢާރަފްވާން ފެށީ، އަދި އެކަކު އަނެކަކު ދަނެގަނެވުނީވެސް އެމެރިކާގެ މިއަނިޔާވެރި ކަމުގެ ތެރޭންނެވެ.

އަހަރަމެންނަކީ ހަރުކަށި ޓެރަރިސްޓުންތަކެއްކަން ސާބިތުކޮށްދިނުމުގެ ބަދަލުގައި، އަހަރަމެން އަސީރު ކުރި މީހުން އަހަރަމެންނަކީ ކޮންބައެއްތޯ އަހާލައި އޮޅުން ފިލުވާލަން ވަގުތު ކޮޅެއް ހޭދަކޮށްލިނަމައޭ ހިތަށް އަރައެވެ.

ހިތްދަތިކަމުގެ ޒަމާނަކާއި އަހަރެމެން ތަހައްމަލުކުރި އަނިޔާތަކުގެ ސަބަބުން އަހަރެމެންގެ ތެރޭން ކޮންމެ މީހަކުވެސް ދިރިހުރުމަށް އެހީތެރިވެ ދިނީ އެއްބަނޑު އެއްބަފާކަމާއި އެކުވެރިކަމުގެ ވަރުގަދަ ގުޅުމެވެ.

އަހަރަމެން ގުއަންޓަނާމޯގައި އެއް ދިރިއުޅުމެއް ޙިއްސާކޮށް އާ “އަހަރެމެން” ގެ ވިސްނުމެއް ތަރައްޤީ ކުރަން ފެށީމެވެ. އަހަރެމެންގެ ސިކުނޑިން އާ ހަނދާންތަކާއި، ގުޅުންތަކާއި، ޢިލްމާއި، ތަޖުރިބާތައް ބައްޓަންވާން ފެށި ނަމަވެސް، ހުރިހާ ކަމެއް ވެސް ގުޅިފައި އޮތީ ގުއަންޓަނާމޯގެ ދިރިއުޅުމާއެވެ. އެ ހުރިހައި ކަމެއްވެސް ބިނާވެފައި އޮތީ ގުއަންޓަނާމޯގެ ދިރިއުޅުމުގެ މައްޗަށެވެ.

އަހަރެމެންގެ ޢިލްމާއި ތަޖުރިބާއާއި ސަގާފަތް އެކަކު އަނެކަކާ ހިއްސާކުރުމުން އުފެދުނީ ތަފާތު ތަޖުރިބާތަކެވެ. އަހަރަމެން އެކި ބަސްބަހުން ލަވަތައް ކިޔައި، އެކި ސަގާފަތްތަކުގެ ނެށުންތަކަށް ނަށައި، އެކުގައި ހީހީފައި ރޮއެ، ޚިޔާލުގައި ބިނާ ކުރީ ޚިޔާލީ ރީތި ގުއަންޓަނާމޯއެކެވެ.

އަހަރުތަކަކަށްފަހު އަހަރެމެން އެކުގައި ބޮޑުވެ އެކަކު އަނެކެއްގެ ދިރިއުޅުމާއި ހަނދާންތަކުގެ ބަޔަކަށް ވެގެން ދިޔައީއެވެ. ގުއަންޓަނާމޯ ވެގެން ދިޔައީ އަހަރެމެންގެ ބަޔަކަށެވެ. އަދި އަހަރެމެންގެ ދިރިއުޅުމުގެ ބަޔަކަށެވެ.

6

ގުއަންޓަނާމޯގެ ޝިކާރައަކަށްވީ ހަމައެކަނި އަހަރަމެންނެއް ނޫނެވެ!

އެއީ، ހުރިހާ އެމެރިކާ މީހުންނާއި އެމެރިކާ ދުނިޔެއަށް ވިއްކާ ޑިމޮކްރެސީއާއި އިންސާނީ ހައްގާއި އެމެރިކާގެ އިންސާފުގެ އަގުތަކާއި އިންސާފުގެ ނިޒާމުގެ ގަބުރުސްތާނެވެ.

އެމެރިކާގެ އެ އަނިޔާވެރި ޖަލުގައި މަސައްކަތް ކުރަން އެމެރިކާގެ އެތައް ބަޔަކު އަޔެވެ. އެއިން ބައެއް މީހުން އެމީހުންގެ އިންސާނިއްޔަތުކަން ދޫކޮށްލައި އަހަރެމެންނާ މެދު ލާއިންސާނީކޮށް، އިހާނެތިކޮށް ކަންތައް ކުރާކަށް ބޭނުމެއް ނުވިއެވެ. އެކަމާ ދެކޮޅު ހެއްޖެވެ. އެހެންވެ، އެމީހުން ވެސް ވެގެން ދިޔައީ ގުއަންޓަނާމޯގެ ޝިކާރައަކަށެވެ.

އަހަރަމެން އަސީރު ކުރި ޖައްލާދުންގެ ތެރޭން ބަޔަކަށް ﷲ ތެދުމަގު ދެއްކެވިއެވެ. އެތައް ބަޔަކު އަހަރަމެންގެ ދީނީ އަގީދާގެ ވަރުގަދަކަން ފެނި އިސްލާމް ވިއެވެ. އެއީ މިހާރުވެސް އަހަރަމެންގެ ރަޙުމަތްތެރިންނެވެ. އަޚުންނެވެ. ގުއަންޓަނާމޯގެ ޝިކާރަކަށް ވިއެވެ.

އަހަރަމެންނަށް އަނިޔާ ކުރަން ގެނައި ބައެއް މީހުން ނިޒާމާ ދެކޮޅަށް ތެދުވިއެވެ. އެމީހުން އަމުރަށް ނުކިޔަމަންތެރިވެގެން ޖަލަށްލެވުނެވެ. ގުއަންޓަނާމޯގެ ޝިކާރަކަށް ވިއެވެ.

އަހަރަމެންނަށް އަނިޔާ ކުރަން ދެކޮޅުހެދި އެހެން އެތައް ބަޔަކު ވަޒީފާއިން ވަކިކުރިއެވެ. ނުވަތަ ޑިމޯޓް ކުރި އެވެ. ގުއަންޓަނާމޯގެ ޝިކާރައަކަށް ވިއެވެ. އަހަރަމެން އެކަކު އަނެކަކަށްޓަކައި އަނިޔާވެރިކަމާ ދެކޮޅަށް ހަނގުރާމަކުރީމެވެ. އަހަރެމެން ގުއަންޓަނާމޯގައި ކެތްކުރި އަނިޔާކާއި ވޭންތަކަކީ އަހަރަމެން އެހެން މީހަކަށް އިޙުސާސްކޮށްދޭން ބޭނުންވާ ތަޖުރިބާ ކުރަން ބޭނުންވާ އެއްޗެއް ނޫނެވެ.

7

2002-2010 ގެ ގުއަންޓަނާމޯގެ އަނދިރި ޒަމާނުގެ ތެރޭގައި އަހަރަމެން މުޒާހަރާކޮށް، ބަނޑުހައިހޫނުކަމުގެ ހަޅުތާލުތައް ކޮށް، އަހަރުތަކެއް އެކަމުގައި އުޅުނީމެވެ.

އަހަރެމެން އެކަކު އަނެކަކުގެ ކިބައިން ކަންކަން ދަސް ކުރީމެވެ. އަދި އެކަކު އަނެކަކަށް ކަންކަން ދަސްކޮށްދިނީމެވެ. ގުއަންޓަނާމޯގެ ރަންޒަމާނުގައި އަހަރަމެން އިނގިރޭސި ބަސް ދަސް ކުރީމެވެ. ފަންނުތައް ދަސްކުރީމެވެ. ކުރަހައި ހެދީމެވެ. ބޯޓުތަކާއި، އަލަމާރިތަކާއި ގަސްތައް ވެސް ހަދައި އުޅުނީމެވެ. މިހުރިހާ އެއްޗެއް ވެސް ހެދީ އުކާލާފައި ހުންނަ ކާޑުބޯޑުތަކުންނެވެ.

އަހަރެން ބޮޑުވެ ޒުވާން ފިރިހެނަކަށް ވީ ގުއަންޓަނާމޯގައި އަހަރެން ބަންދުކޮށްފައި ހުރި ކޮށީގައެވެ. ގުއަންޓަނާމޯއަކީ އަހަރެންގެ ދިރިއުޅުގެ ބައެކެވެ. އަހަރެންގެ އުމުރުގެ ދެބައިކުޅަ އެއްބައި އަހަރެން ހޭދަ ކުރީ ގުއަންޓަނާމޯގައެވެ. ދުވަސްތަކާއި މަސްތަކާއި އަހަރުތައް އަހަރެން އެތާގައި ވޭތި ކުރީމެވެ.

އެއަށްފަހު ގާތްގަނޑަކަށް 15 އަހަރު ފަހުން ގުއަންޓަނާމޯ ދޫކޮށް ދާން އަހަރެންނަށް މަޖުބޫރު ކުރިއެވެ. އަހަރެން އެތަނުން ބޭރުކުރީ އަހަރެން އެތަނަށް ގެންދިޔަ ގޮތަށެވެ.

ބޮލަށް ކޮތަޅެއް ފައްތައިގެން ކަނު ބަނދެގެންނެވެ.

އަހަރެން ދޫކޮށްލި ވާހަކަ ކިޔައިދޭން އައިސް އަހަރެންގެ ގާތު ބުނީ “ކަލެއަށް މިތަނުން ދިއުން ނޫން އިތުރު ގޮތެއް ނެތް” ކަމަށެވެ.

އަހަރެން ހުރީ ގުއަންޓަނާމޯގައި ކޮށީގައި ދިރުއުޅުމެއް ބިނާކޮށް، ގުއަންޓަނާމޯއާ ސުލްހަވެގެންނެވެ. އަހަރެން ހުރީ ބަދަލެއް ނުގެންނާން ނިންމައިގެންނެވެ. ގުއަންޓަނާމޯއަކީ އެއީ އަހަރެންގެ ބަޔެއް ކަމަށާއި އަހަރެންނަކީ ގުއަންޓަނާމޯގެ ބައެއް ކަމަށް އަހަރެން ހުރީ ކަނޑައަޅައިގެންނެވެ.

8

މުޅި ދުނިޔެ ހެކިވާ ގޮތުގައި ބުޝްގެ އެމެރިކާގެ ގުއަންޓަނާމޯ އަކީ އިންސާނިއްޔަތުގައި ޖެހުނު ލައްގަނޑެކެވެ. 21 ވަނަ ގަރުނުގެ އިންސާނީ ހައްގުތަކާ ހިލާފުވެ ބައެއްގެ ހައްގު ގަނޑުކޮށް ނިގުޅައިލި އެންމެ ބޮޑު އެއް ހާދިސާ އެވެ.

ގުއަންޓަނާމޯގައި އަހަރަމެންނަށް އަނިޔާކުރިއެވެ. އަހަރަމެންނަށް އަނިޔާކުރި މީހުން އަދިވެސް އެމީހުން އަނިޔާގައި ހޭދަކުރި ވަގުތުތަކާއި އެމީހުންގެ އަނިޔާ ކުރުމުގެ މޮޅުކަމުގެ ވާހަކަ ފޮނިކަނޑަމުން ދައްކަމުން ދެއެވެ.

އެމީހުންގެ އަމިއްލަ އިންސާނިއްޔަތުގެ ހަގީގީ ޝިކާރައަކަށްވީ ފުރަތަމަ އެމީހުންނެވެ.

މި ހުރިހާ ހަނދާންތަކެއް އަދިވެސް ބިންވބަޅު ނެގިފައިވީނަމަވެސް، ގުއަންޓަނާމޯ އަދި އަހަރެމެންނާ ވަކިވެފައެއް ނުވެއެވެ. މިއަދުވެސް ގުއަންޓަނާމޯގައި 34 ފިރިހެނުން އަނިޔާގައި އެބަތިއްބެވެ.

އޭގެ ތެރެއިން 20 މީހަކު ވަނީ ދޫކޮށްލުމަށް ކްލިއަރެންސް ދީފައެވެ. އެމެރިކާގެ އިންސާނީ ހައްގުތަކުގެ ބްލެކްހޯލް، ޑިޓެންޝަން ސެންޓަރު ބަންދުކުރުމަށް ގިނަ ބަޔަކު ގޮވާލަ އެވެ.

އަހަރަމެންނަށް ގުއަންޓަނާމޯ ބަންދުކުރުމުގެ މާނައަކީ ހަމައެކަނި އެއަނިޔާވެރި ޖަލު ބަންދުކުރުމެއް ނޫނެވެ. އަހަރަމެން ބޭނުން ވަނީ އެތަނުގައި އެމެރިކާއިން ހިންގާފައިވާ އަނިޔާވެރި ކަންކަމުގެ ފުރިހަމަ ޖަވާބުދާރީ ވުމެއް ހިންގައި އެމެރިކާ އެކަމަށް ޖަވާބުދާރީ ވާށެވެ.

އެމެރިކާއިން ހިންގި އަނިޔާވެރި އަދި ލާއިންސާނީ އަމަލުތަކަށް އިއުތިރާފުވާން ޖެހެއެވެ. ފުރިހަމަ އަދި ހިފެހެއްޓުމެއް ނެތް މައާފަށް އެދުމަކުން މައާފަށް އެދެން ޖެހެއެވެ. އެމެރިކާގެ ގުއަންޓަނާމޯގެ އަނިޔާގެ ޝިކާރައަކަށްވި މީހުންނަށް ބަދަލު ދޭން ޖެހެއެވެ.

އެމެރިކާގެ ގުއަންޓަނާމޯ ރަމްޒުކޮށްދެނީ އަނިޔާވެރިކަމާއި، އަނިޔާއާއި، ޤާނޫނުގެ ބާރު ނެތުމެވެ.

ގުއަންޓަނާމޯއިން ދައްކައި ދެނީ އެމެރިކާ އަމިއްލަ އަނިޔާވެރިކަމުގެ އަސީރަކަށް ވެފައިވާ ކަމެވެ. ޚުދު އެމެރިކާގެ ތާރީޚަކީ ގުއަންޓަނާމޯގެ އެންމެ ބޮޑު އަސީރެވެ.