އިޒްރޭލުގެ ދެ މުޖުރިމުން ހައްޔަރުކުރުމުގެ އަމުރާމެދު ޔޫކޭން މައްސަލަ ނުޖައްސާނެ

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި ޑިފެންސް މިނިސްޓަރު ޔޯއަވް ގަލަންޓް ހައްޔަރުކުރުމުގެ އަމުރު ނެރުމުގެ އިޚްތިޞާޞް އިންޓަނޭޝަނަލް ކްރިމިނަލް ކޯޓަށް އޮތްތޯ އާމެދު އިނިގިރޭސިވިލާތުގެ ކުރީގެ ސަރުކާރުން ސުއާލު އުފެއްދިކަމުގައި ވިއަސް އައު ސަރުކާރުން އެފަދަ ސިޔާސަތެއް ނުގެންގުޅޭނެ ކަމަށް ބުނެފިއެވެ.

އިނގިރޭސި ބޮޑުވަޒީރު ކޭއާ ސްޓާމަރގެ ތަރުޖަމާނު މިއަދު ވިދާޅުވީ އިނގިރޭސިވިލާތުން ދެން ގެންގުޅޭނީ ކުރިންވެސް ގެންގުޅެމުން އައި އައިސީސީއަށް އެއްބާރުލުން ދޭ ސިޔާސަތު ކަމަށެވެ.

ކުރިން ބޮޑު ވަޒީރުގެ މަގާމުގައި ހުންނެވި އިންޑިއާ ދަރިކޮޅުގެ ސުނާކަކީ، ޒަޔަނިސްޓުންނަށް ވާގިވެރިވުމަށް މަސައްކަތް ކުރެއްވި ބޭފުޅެކެވެ. އޭނާގެ އަންހެނުންގެ އާއިލާއަކީ އިސްރާއީލާއެކު ވިޔަފާރި މަސްލަހަތު ގެންގުޅޭ ބަޔެކެވެ.