އާސިއަންއާއި އިންޑިއާގެ ޕޭމެންޓް ސިސްޓަމުތައް އެއް ވިއުގައަކުން ގުޅާލަނީ

އާސިއަންގެ ބައެއް ޤައުމަތަކާ އިންޑިއާއާ ގުޅިގެން އެޤައުމުތަކުގެ އަމިއްލަ ޕޭމެންޓް ސިސްޓަމްތައް، އެއް ވިއުގައެއްގެ ތެރޭން ގުޅުވާލުމުގެ މަސައްކަތް ފަށައިފިއެވެ. ބޭންކް ފޯރ އިންޓަރނޭޝަނަލް ސެޓްލްމެންޓާއެކު ކުރިއަށްގެންދާ މި ޕްލެޓްފޯމަކީ، ނެކްސަން ޕްލެޓްފޯމެވެ. 2026ގައި ޢަމަލު ކުރަން ފެށުމަށް ތައްޔާރު ކުރަމުންދާ ނެކްސަސް ޕްލެޓްފޯމުގައި އިންޑިއާގެ އިތުރުން އާސިއާންގެ ހަތަރު ޤައުމެއް ކަމަށްވާ މެލޭޝިއާ، ފިލިޕީންސް، ސިންގަޕޫރު އަދި ތައިލެންޑްގެ އަމިއްލަ ޕޭމެންޓްގެ ނިޒާމްތައް ގުޅުވައި ލެވޭނެއެވެ.

މި ނިޒާމަށް ޢަމަލު ކުރަން ފެށުމާއެކު ކުދި ވިޔަފާރިތަކާއި އެސްއެމްއީތަކަށް، ބޯޑަރު ހުރަސްކޮށް މާލީ މުޢާމަލާތު ކުރުމުގައި ފަހި، އިންޤިލާބީ ބަދަލުތަކެއް އަންނާނެއެވެ.

އަދި މިއީ އެއް ޤައުމުގެ ރައްޔިތުންނަށް އަނެއް ޤައުމުގައި ރީޓެއިލް ވިޔަފާރިކޮށް ބޭރު ފައިސާއާ ނުލައި ވަގުތުން ފައިސާ ދެއްކުމުގެ ފުރުސަތު ލިބިގެންދާނެ ނިޒާމެކެވެ. މި ޕްލެޓްފޯމް 2026 ވަނަ އަހަރުގެ ނިޔަލަށް ލައިވްވާނެ ކަމަށް ބެލެވެއެވެ.

އާސިއާން ޤައުމުތަކާއެކު އިންޑިއާގެ ވިޔަފާރީގެ ގުޅުން ހިނގަމުން މިދާ މާލީ އަހަރު ވަރަށް ބޮޑަށް ކުރިއަރާނެ ކަމަށްވެސް ލަފާ ކރެވިފައި ވެއެވެ. އެގޮތުން، އިންޑިއާ އާއި ސިންގަޕޫރާ ދެމެދު ވިޔަފާރީގެ މުޢާމަލާތްތައް 14.4 ބިލިއަން ޑޮލަރަށް އަރާފައިވާއިރު، މިއީ އާސިއާންގެ ޤައުމުތަކުގެ ތެރޭން އިންޑިއާއާއެކު އެންމެ ގިނައިން ވިޔަފާރި ކުރާ ޤައުމެވެ. ދެވަނައިގައި އޮތީ 7.3 ބިލިއަން ޑޮލަރުގެ ވިޔަފާރި މުއާމަލާތް ހިންގާ މެލޭޝިއާ އެވެ. ތައިލެންޑާއި އިންޑޮނޭޝިއާ އިން ވެސް އިންޑިއާއެކު 5.0 ބިލިއަން ޑޮލަރާއި 6.0 ބިލިއަން ޑޮލަރުގެ ވިޔަފާރި މުއާމަލާތްތައް ހިންގައެވެ.

އިންޑިއާއިން އާސިއަންގެ ޤައުމުތަކަށް އެކްސްޕޯޓް ކުރަނީ، ޕެޓްރޯލިއަމްގެ އުފެއްދުންތަކާއި، އިންޖިނިއަރިންގެ ސާމާނާއި، ޖަވާހިރާއި ޖަވާހިރުން އުފައްދާފައިވާ ބާވަތްތަކާއި، އޯގަނައިކް ކެމިކަލްއާއި، ބޭސްތަކެވެ. މިއީ އިންޑިއާގެ ސިނާއީ އަދި އުފެއްދުންތެރިކަމުގެ ދާއިރާ ބަރޯސާވާ މައިގަނޑު އުފެއްދުންތަކެވެ.