އަލްޖަޒާއިރުން ސަފީރު އަނބުރާ ގެނަސް ފްރާންސާއެކު އޮންނަ ގުޅުމުގެ ފެންވަރު ދަށް ކުރުމަށް ނިންމައިފިއެވެ. ފްރާންސުން ވަނީ އަލްޖަޒާއިރާއި މޮރޮކޯއާ ދެމެދު މައްސަލަ ޖެހިފައިވާ 18 އަހަރުވީ ސަރަހާގެ މައްސަލާގައި، މޮރޮކޯއަށް ސަހާރާގެ ސިޔާދަތު އޮތްކަމަށް ގަބޫލުކުރާ ކަމަށް ނިންމައި ސިޔާސަތު ބަދަލުވެފައިވާ ކަން އިޢުލާން ކޮށްފައެވެ.
ޕެރިހުން ވަނީ، ފްރާންސްގެ ރައީސް މޮރޮކޯގެ ރަސްގެފާނަށް ފޮނުއްވާ ސިޓީވެސް ޕެރިހުގައި ހުންނަވާ އަލްޖަޒާއިރުގެ ސަފީރަށް ދައްކާފައެވެ.
އަލްޖަޒާއިރުގެ ޚާރިޖީ ވަޒީރު އެވާހަކަ، ނޫސްކޮންފަރެންސެއްގައި އިއުލާން ކުރައްވަމުން ވިދާޅުވެފައި ވަނީ ޕެރިހުގެ މި ނިންމުމުގެ ނަތީޖާ ހިތިވާނެ ކަމަށެވެ. އަދި އަލްޖަޒާއިރުގެ ސަފީރު ޕެރިހުން ގެނައުމަށް ނިންމި ނިންމުމަކީ، ވަގުތީ ގޮތުން މަޝްވަރާއަށް ގެނައުމަށް ނިންމި ނިންމުމެއް ނޫން ކަމަށެވެ. ނަމަވެސް އެއީ ފްރާންސާއެކު ބާއްވާ ގުޅުން ދަށްކުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅެއް ކަމަށެވެ.
ސަހާރާ ސަރަހައްދަކީ، ޕޮލިސާރިއޯ ޖަމާޢަތުން މިނިވަންކަން ހޯދުމަށް ހަނގުރާމަ ކުރާ ސަރަހައްދެކެވެ. ޕޮލިސާރިއޯއަށް އެހީވެދެނީ އަލްޖަޒާއިރުންނެވެ.
މޮރޮކޯއިން ބުނަނީ އެ ސަރަހައްދުގެ ސިޔާދަތު އޮންނާނީ މޮރޮކޯއަށް ކަމަށެވެ. ސަހަރާ ސަރަހައްދަކީ ކުރިން ސްޕެއިންގެ އިސްތިޢުމާރުގެ ދަށުގައި އޮތް ތަނެކެވެ. އެއީ ގިނަ އަދަދަކަށް ފޮސްފޭޓް މަޢުދަން ހިމެނޭ އަދި މަސްވެރިކަން ރަނގަޅު ކަނޑުގެ އައްސޭރިފަށުގައި އޮންނަ ސަރަހައްދެކެވެ.
ޕޮލިސާރިއޯ އިން 1975ން 1991އަށް ކުރި ހަނގުރާމައިގައި މޮރޮކޯއިން ވަނީ އެ ސަރަހައްދުގެ 80 ޕަސެންޓްގެ ކޮންޓްރޯލު ނަގާފައެވެ.
ފްރާންސުން ކުރިން ބުނެފައި ވަނީ ސަހަރާއަކީ މިނިވަންކަން ލިބެން ޖެހޭ ސަރަހައްދެއް ކަމަށެވެ. އަދި ޕެރިހުން ވަނީ ޕޮލިސާރިއޯއަށް މަދަދު ދީފައެވެ. ނަމަވެސް 2007ން ފެށިގެން ފްރާންސްގެ ސިޔާސަތަށް ބަދަލުތަކެއް އައިސްފައި ވެއެވެ.
ފްރާންސްގެ ސިޔާސަތު އެއްކޮށް ބަދަލުކޮށްލީ މިއަހަރުގެ ފެބްރުއަރީގައި ފްރާންސްގެ ޚާރިޖީ ވަޒީރު މޮރޮކޯގެ ވެރިރަށް ރަބާޠަށް ކުރެއްވި ޒިޔާރަތުގައި ސަހަރާ މައްސަލައަކީ މޮރޮކޯގެ ސިޔާދަތާ ގުޅިފައިވާ މައްސަލައެއް ކަމަށް ވިދާޅުވެފައެވެ.