ފަލަސްޠީނުގެ މިނިވަންކަމަށް މަސައްކަތް ކުރާ އިސްލާމީ ހަމާސްގެ ސިޔާސީ ގޮފީގެ އިސްމަޤާމަށް އައްޔަން ކޮށްފައިވާ ޔަޙްޔާ ސިންވާރު އަދިވެސް މަޤާމާ ހަވާލުވެވަޑައިގަތުމާ ގުޅިގެން ބަޔާނެއް ދެއްވާފައެއް ނުވެއެވެ. ޙަމާސްގެ ލީޑަރުން ވިދާޅުވާގޮތުގައި ދާދި އަވަހަށް ހަމާސްގެ ލީޑަރު ބަޔާނެއް ދެއްވާނެއެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ސިންވާރު ވަނީ، މަޤާމަށް ހަމަޖެއްސުމާ ގުޅިގެން، ޣައްޒާގެ މަގުތަކުގައި ހިންގަވައި ގެދޮރު ގެއްލި ވިއްސިވިހާލި ވެފައިވާ އާންމުންނާ ބައްދަލު ކުރައްވައި ފައެވެ. ނަމަވެސް އެކަން ޔަޤީންކަމާއެކު މީޑިއާއިން ކަށަވަރުކޮށްދީފައެއް ނުވެއެވެ.
އިޒްރޭލުގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ޒަޔަނިސްޓު ސަރުކާރުން ދަނީ، ސިންވާރުގެ މަޢުލޫމާތު ހޯދުމަށާއި އޭނާގެ ޝަޚުޞިއްޔަތު ތަޙުލީލު ކުރުމަށް ލިބެން ހުރި ހުރިހައި މަޢުލޫމާތެއް ބޭނުން ކުރަމުންނެވެ. ޒަޔނިސްޓުން ދަނީ 23 އަހަރު ވަންދެން އިޒްރޭލުގެ ޖަލުތަކުގައި އޭނާއާއެކު ވަގުތު ހޭދަކުރި އެތައް ބަޔަކާ އިންޓަރވިއުކޮށް އޭނާގެ ޝަޚުސިއްޔަތު ދަނެގަތުމަށް މަސައްކަތް ކުރަމުންނެވެ.
ޒަޔަނިސްޓުންގެ އެންމެ ބޮޑު ހައިރާން ކަމަކީ، ހަމާސްގެ ލީޑަރު ޣައްޒާއިން ބޭރުގައި ތިބޭ ހަމާސްގެ އެހެން މަސްއޫލުވެރިންނާ މުޢާމަލާތުކޮށް މަޢުލޫމާތު ފޮނުވަމުންދިއުމެވެ. އިޒްރޭލުގެ ޑިފެންސް މިނިސްޓަރ އެއްފަހަރެއްގައި ސިންވާރުން ޣައްޒާއިން ބޭރުވެފައިވާ ކަމަށް ބުންޏެވެ. ނަމަވެސް އެވާހަކަ ގިނަ ފަރާތްތަކުން ޤަބޫލުކޮށްފައެއް ނުވެއެވެ.
“ސިންވާރު މަރުވާން ބިރެއް ނުގަނޭ… ކޮމާންޑަރަކު އޭނާގެ ހަނގުރާމަވެރިން ދޫކޮށްފައެއް ނުދާނެ،” އިސްރާއީލުގެ އަސްކަރީ ތާރީޚް ލިޔުންތެރިއެއް ކަމަށްވާ ގެއި އަވިއާދު ބުންޏެވެ.
“އުދަނގޫ އޮޅުން ބޮޅުން ބޮޑު ވަސީލަތްތައް ބޭނުންކޮށްގެން އޭނާ މުއާމަލާތް ކުރަނީ (ޣައްޒާ) ގެ އެތެރެއާއި ބޭރުގައި ތިބި ހަރަކާތުގެ ހުރިހާ ލީޑަޝިޕާއި، އަދި ޢިއްޒުއްދީން އަލްޤައްސާމް ބްރިގޭޑްގެ ލީޑަރޝިޕާވެސް،” ހަމާސްގެ ހަތިޔާރު އެޅި ވިންގަށް އިޝާރާތް ކޮށް އަވިއާދު ކިޔައިދިނެވެ.
“އޭނާގެ އަމިއްލަ ރައްކާތެރިކަމަށް ސަލާމަތީ ފިޔަވަޅުތަކެއް ހުންނާނީ އަޅާފަ. ނަމަވެސް މިކަމުގެ ސަބަބުން އޭނާގެ މަސްއޫލިއްޔަތު ކުރިއަށް ގެންދިއުމާއި ނިންމުންތައް ނިންމުމަށް ހުރަހެއް ނޭޅޭނެ،” ސިންވާރާ ބެހޭ ގޮތުން ވާހަކަ ދެއްކުމުގެ ހުއްދަ ނެތް ކަމަށް ބުނެ ނަން ނުޖެހުމަށް ޝަރުތުކޮށް އިޒްރޭލްގެ ނޫހަކަށް މަޢުލޫމާތު ދިން ޒަޔަނިސްޓް މަސްއޫލުވެރިޔާ ވިދާޅުވި އެވެ.
އިސްރާއީލުގެ ކޮމާންޑަރުން ގަބޫލުކުރާ ގޮތުގައި އުމުރުން 61 އަހަރުގެ ސިންވާރު އުޅުއްވަނީ ޣައްޒާގެ ޓަނަލްތަކުގައެވެ.
ޑިސެމްބަރު މަހު ޒަޔަނިސްޓް ބޮޑުވަޒީރު ނަތަންޔާހޫ ވަނީ ސިފައިން ސިންވާރުގެ ގެ ވަށާލިކަން އިއުލާން ކޮށްފައެވެ. ނަމަވެސް އެމީހުންނަށް ގެއަކުން ފެނުނީ ސިންވާރުގެ ބޫޓު ކިބައެއް ކަމަށް އިޒްރޭލުން ބުނި އެންމެ ބޫޓު ކިބައެކެވެ.
“ޖަވާބެއް ނުލިބޭ އެތައް ސުވާލުތަކެއް އެބަހުރި،” އިސްރާއީލުގެ މުޙައްލިލު އަދި ޑިފެންސް މިނިސްޓްރީގެ ކުރީގެ މުޝީރު މައިކަލް މިލްސްޓައިން ސިންވާރާ ބެހޭގޮތުން ބުންޏެވެ.
އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުގެ ކުރިން ވެސް ސިންވާރުގެ ގިނަ ފޮޓޯތަކެއް އާންމު ވެފައެއް ނުވެއެވެ. ނަމަވެސް އޮކްޓޯބަރު މަހު ހަމަލާ ދިން ފަހުން ސިންވާރު އާންމު ކޮށް ނިކުމެވަޑައިގެން އުޅުއްވާފައެއް ނުވެ އެވެ.