ޔަހޫދީ ޒަޔަނިސްޓުންގެ ފުލުހުންގެ ވަޒީރު އިޓާރާމް ބިން ގްވީރް، މަސްޖިދުލްއަޤްޞާގެ ޙުރުމަތް ކަނޑާލުމުން ފަލަސްޠީނު ސަރުކާރާއި އިސްލާމީ ޙަމާސް ޖަމާޢަތާއި އަރަބި ޤައުމުތަކުން އެކަން ކުށްވެރިކޮށްފިއެވެ. ނަތަންޔާހޫވެސް ވަނީ މަސްޖިދުލްއަޤްޞާއާ ބެހޭ ސިޔާސަތުތައް ކަނޑައަޅަނީ ބޮޑު ވަޒީރުގެ ޙައިސިއްޔަތުން އޭނާ ކަމަށާއި އެކަން ބެން ގްވީރް ވިޔަސް އަދި އެހެން ވަޒީރަކަށް ވިއަސް ބޮލާލައި ނުޖެހޭނެ ކަމަށް ބުނެފައެވެ.
ބެން ގްވީރް މިއަދު މަސްޖިދުލްއަޤްޞާގެ ޙުރުމަތް ކަނޑާލީ 2250 ޔަހޫދީން ގޮވައިގެން އެތަނަށް ވަދެގެންނެވެ. އޭނާއާއެކު ގިނަ އަދަދެއްގެ ސިފައިންނާއި ފުލުހުންވެސް ގެންދިޔައެވެ.
އަނގަބަހުން އިޒްރޭލުގެ ހުރިހައި ޢަމަލުތައް ކުށްވެރި ކުރުމުގެ އާދަ އަށަގެންފައިވާ ސައޫދީ ޢަރަބިއްޔާއާއި އުރުދުންއާއި މިސްރުން ބޮޑެތި ބަޔާންތައް ނެރެ އެކަން ކުށްވެރި ކުރިއެވެ.
މިއީ ބެން ގްވީރު ފުލުހުންގެ މިނިސްޓަރުކަން ލިބިގެން މަސްޖިދުލްއަޤްޞާގެ ޙުރުމަތް ކަނޑާލި ހަ ވަނަ ފަހަރެވެ.
“މަސްޖިދުލްއަޤްޞާގައި ޢަމަލުކުރާނެ ސިޔާސަތު ކަނޑައެޅުމަކީ ސީދާ ސަރުކާރާއި ބޮޑު ވަޒީރުގެ ދަށުގައި އޮންނަ ކަމެއް. ޤައުމީ ސަލާމަތާ ބެހޭ މިނިސްޓަރު ކަމުގައި ވިޔަސް އަދި އެހެން ވަޒީރަކު ކަމުގައި ވިޔަސް މަސްޖިދުލްއަޤްޞާއާ މެދު ޢަމަލު ކުރުމަށް ވަޒީރަކަށް ވަކި ސިޔާސަތެއް ކަނޑައަޅާފައެއް ނޯންނާނެ. މިއީ އިސްރާއީލުގެ ހުރިހާ ސަރުކާރުތަކުން ވެސް ކަން ކުރަމުންދާ ގޮތް. އަދި ކުރިއަށް އޮތް ތާނގައިވެސް ކަން ހިނގާނީ މިގޮތަށް” ނަތަންޔާހޫގެ އޮފީހުގެ ބަޔާން
އިޒްރޭލުގެ ދިފާއީ ވަޒީރު ޔޯވް ގެލެންޓު ވެސް ވަނީ ބެން ގްވީރްގެ ނޭއްގާނި އަމަލު ކުށްވެރިކޮށްފައެވެ.
“އިޒްރޭލު ސަރުކާރު ތެރޭގައި މެދުއިރުމަތީގައި އަލިފާން ރޯކޮށްލަން ބޭނުންވާ ބަޔަކު އެބަ އުޅޭ”
އިދިކޮޅު ލީޑަރު ޔާއިރް ލެޕިޑް ވެސް ވަނީ ބެން ގްވީރުގެ އަމަލު ކުށްވެރިކޮށްފައެވެ.
“މަސްޖިދުލްއަޤްޞާގައި ބެން ގްވީރް ހިންގި އިންތިޚާބީ ކެމްޕޭނަކީ ހަނގުރާމައިގެ ދުވަސްވަރު ސަލާމަތީ ބާރުތަކުގެ ސިޔާސަތާ މުޅިން ފުށުއަރާ ކަމެއް އަދި އެއީ ސިފައިން ނުރައްކަލަށް ހުށަހަޅާ ކަމެއް. ސަރުކާރުގައި ތިބޭ ޒިންމާދާރުކަން ކުޑަ ހަރުކަށި ފިކުރުގެ ބަޔަކު، އުޅެނީ އިޒްރޭލު ފުރިހަމަ ސަރަހައްދީ ހަނގުރާމައަކަށް ގެންދަން. މިވަރުގެ ބަޔަކަށް ޤައުމު ހިންގޭކަށެއް ނެތް”
ނަތަންޔާހޫގެ ސަރުކާރުގައި ހިމެނޭ، ޔަހޫދީ އުސޫލީންގެ ޔުނައިޓެޑް ތޯރާތް ޖޫޑައިޒަމް ބްލޮކްގެ ވެރިޔާ، މޮޝޭ ގިވްނީ ވަނީ ސަރުކާރުން ވަކިވާނެ ކަމުގެ އިންޒާރު ދީފައެވެ.
“މަސްޖިދުލްއަޤްޞާގައި ގެންގުޅޭ ސިޔާސަތަކީ، އިޒްރޭލު ލީޑަރުންނާއި އިސް ފާދިރީން ނިންމާފައިވާ ސިޔާސަތެއް. އެއީ ބިން ގްވިރްއާ ބެހޭ ސިޔާސަތެއް ނޫން. އޭނާ ދަނީ ޔަހޫދީ ރައްޔިތުންނަށް ގެއްލުން ދެމުން. އަދި އޭނާއާ މެދު ގޮތެއް ނިންމަން ފާދިރީންނާ މަޝްވަރާކުރާނަން.”
ބިން ގްވީރަށް ފާޑުކީ މީހުންނަށް އޭނާ ރައްދު ދިނެވެ. ނަތަންޔާހޫ އާއި އެހެން މީހުންނަށް ވެސް ނަމުން މުޚާތަބުކޮށް އޭނާ ރައްދު ދިނެވެ.
“އަހަރެންގެ ސިޔާސަތަކީ ޔަހޫދީންނަށް މިނިވަންކަމާއެކު އަޅުކަން ކުރުމަށް ފުރުސަތު ދިނުން. މަސްޖިދުލްއަޤްޞާއަކީ އިޒްރޭލުގެ ތަނެއް. އެތާނގައި ޔަހޫދީންނަށް އަޅުކަން ކުރެވެން ވާނެ. ޔަހޫދީންނާ މެދު ތަފާތު ކުރެވިގެން ނުވާނެ.”