މަހާސަދާގަރު، އެލޮން މަސްކު ދަނީ ހައްދުފަހަނައަޅާފައިވާ ދޮންމީހުންގެ ނަސްލީ ސިޔާސަތަށް ތާއީދުކުރަމުން ދުނިޔެއަށް ނުރައްކަލަކަށް ހުށަހަޅަމުންނެވެ.
އޭނާގެ ކުންފުނިތަކާއެކު ވިޔަފާރި މުޢާމަލާތްތައް ބާއްވާ މީހުން ދެކޭ ގޮތުގައި މަސްކު، އެމެރިކާގެ ރިއާސީ ކެންޑިޑޭޓް، ޑޮނަލްޑް ޓްރަމްޕަށް ތާއީދު ކުރުމަކީ އޭނާގެ ވިޔަފާރީގެ މަސްލަހަތަށް ނުރައްކާވާނެ ކަމެކެވެ.
ޓެސްލާ ކުންފުނީގެ ވެރިޔާ، ރިޕަބްލިކަން ޕާޓީގެ ރިޔާސީ ކެންޑިޑޭޓަށް ތާއީދު ކުރާކަން އިއުލާން ކުރުމުން، “މަސްކުގެ ކަނާތުފިޔައިގެ ސިޔާސަތުން ގިނަ އަދަދެއްގެ ޝޮޕަރުން ދަނީ ދުރިހެލި ވަމުން” ކަމަށް ވިޔަފާރީގެ ދާއިރާގެ ފަރާތްތަކުން ބުނެއެވެ. އެހެންވެ މަސްކުގެ ބެޓެރިން ދުއްވާ ޓެސްލާ ކާރުތައް ގަންނަ މީހުން މަދުވާ ކަމަށް ވޮޝިންޓަން ޕޯސްޓާ ވާހަކަ ދެއްކި، އޮޓޯމޯޓިވް މާކެޓް އެނަލިސްޓަކު ބުންޏެވެ.
ފޯޗޫން މަޖައްލާއިން ވެސް ވަނީ އެކަން ފާހަގަ ކޮށް ރިޕޯޓުކޮށްފައެވެ. އެނޫހުގައި ބުނެފައި ވަނީ، ޖަރުމަނުވިލާތުގައި ގިނަ އަދަދެއްގެ ބޭސްފިހާރަތައް ހިންގާ ވިޔަފާރިއަކުން ބުނެފައި ވަނީ، މަސްކު ޓްރަމްޕަށް ތާއީދު ކުރަން ފެށުމުން އެ ކުންފުނިން ޓެސްލާ ކާރުތައް ގަތުން ހުއްޓާލާފައިވާ ކަމަށެވެ.
މަސްކުގެ ނަސްލީ ތަފާތު ކުރުމަށް ޔޫރަޕްގެ ޖަމާޢަތުގެ އިސް އޮފިޝަލުން ވެސް ވަނީ އިންޒާރުކޮށްފައެވެ. ޔޫރަޕްގެ އިސް އޮފިޝަލުން ވަނީ އެކްސްގައި މަސްކު ކުރި ޕޯސްޓްތަކާ ގުޅިގެން އިޒްރޭލަށް ތާއީދު ކުރާ މަހާސާދާގަރާ މެދު، ނަސްލީ ތަފާތު ކުރުމާއި ނަފްރަތުގެ ބަސް ބޭނުން ކުރާކަމުގެ ތަޙުޤީޤެއް ހިންގަން ޖެހިދާނެ ކަމަށް އިންޒާރުކޮށްފައެވެ.
މަސްކުގެ ނަފްރަތުގެ ވާހަކަތަކަކީ އައު ވާހަކައެއް ނޫނެވެ. ދެކުނު އެފްރިކާގައި އުފަންވެފައިވާ މަސްކު ވަނީ ސްކޮޓްލެންޑްގެ ކުރީގެ ފަސްޓް މިނިސްޓަރު ޙަމްޒާ ޔޫސުފްއާވެސް ޖައްސާލާފައެވެ.
“މަސްކަކީ ދުނިޔެ މަތީގައި ހުރި އިންސާނިއްޔަތަށް އެންމެ ނުރައްކާ ބޮޑު މީހާ” ޙަމްޒާ ޔޫސުފް
އަދި އިނގިރޭސިވިލާތުގެ ހައްދުފަހަނައަޅާފައިވާ ދޮން މީހުން ހިންގި ހަމަނުޖެހުމުގައި އެމީހުންނަށް ވާގިވެރިވާ ރާގަކަށްވެސް އޭނާ ކަންކޮށްފައިވާ ކަމަށް ތުހުމަތު ކުރެވިފައި ވެއެވެ.
މިހާރު މުސްލިމުން ދަނީ އެކްސްގައި މަސްކު ބްލޮކް ކުރުމަށް ކެމްޕޭނެއް ހިންގަމުންނެވެ.