ފަލަސްޠީނުގެ ދައުލަތް ވުޖޫދުން ފޮހެލުމަށް ޔަހޫދީން ގެންގުޅޭ ރޭވުން: ވޮޝިންޓަން ޕޯސްޓް

“ވޮޝިންޓަން ޕޯސްޓް” އިން ތައްޔާރުކޮށްފައިވާ ރިޕޯޓެއްގައި ބުނެފައި ވަނީ، ޒަޔަނިސްޓުން، އެމެރިކާގެ ފައިސާއާއި ސިޔާސީ މަދަދާއެކު، ހުޅަނގު އައްސޭރީގައި ފަލަސްތީނުގެ ބިންތައް ފޭރިގަނެ، ޔަހޫދީ އާބާދީތައް ފުޅާކޮށް، ފަލަސްޠީނުގެ ރަށްތަކާއި އަވަށްތައް ބިމާ ހަމަކޮށް އެތަންތަން ޗާޓުން ފޮހެލަމުން ގެންދާ ކަމަށެވެ. އެ ނޫހުގައި އިތުރަށް ބުނެފައިވަނީ މި ހުރިހާ ފިޔަވަޅަކީ ވެސް ހުޅަނގު އައްސޭރީގެ ސަރަހައްދުން ފަލަސްޠީނު ވަންތަކަން ކަނޑުވާލުމަށް ދިހަވަރަކަށް އަހަރު ތެރޭގައި އައިސްފައިވާ “އެންމެ މުހިންމު” ބަދަލުތަކެވެ.

ނަތަންޔާހޫގެ ހައްދުފަހަނައަޅާފައިވާ ޔަހޫދީ ހަރުކަށި މީހުންގެ ކޯލިޝަން ސަރުކާރުން، ވެރިކަމުގައި 19 މަސް ދުވަހުގެ ތެރޭގައި، ހިފާފައިވާ ހުޅަނގު އައްސޭރީގައި ޔަހޫދީންގެ އާބާދީ ވަރަށް ބޮޑަށް ފުޅާކޮށް، ފަލަސްތީނުގެ ދައުލަތެއް އުފެއްދުމަށް އެއްބަސްވެފައިވާ މުޢާހަދާ ތަކާ ޚިލާފު ވަމުންދާ ކަމަށް ބުނެފައި ވެއެވެ. ހުޅަނގު އައްސޭރީގެ އެންމެ މުހިންމު ސްޓްރެޓެޖިކް ބިންތައް ފޭރިގަންނަމުން ދާއިރު މިއަހަރު އެކަނިވެސް ގާތްގަނޑަކަށް 2،500 ހެކްޓަރުގެ ބިން ވަނީ ފޭރިގެންފައެވެ.

ވޮޝިންޓަން ޕޯސްޓްގެ ރިޕޯޓަރުން ކުރި އިންޓަވިއުތަކުގައި ރައްޔިތުން ބުނެފައި ވަނީ ފަލަސްޠީނުގެ ހަ ރަށެއްގައި ބިންތައް ފޭރިގެންފައިވާ ކަމަށެވެ. އަދި ފަލަސްޠީނު މީހުން އެމީހުންގެ ދަނޑު ބިންތަކަށް ދިއުމަށާއި އެމީހުންގެ އަމިއްލަ ސަރަހައްދު ތަކަށް ދިއުމަށް ކައިރިވާ ކޮންމެ ފަހަރަކު ޒަޔަނިސްޓް ސިފައިންނާއި ފޭރިގަނެފައިވާ ބިންތަކުގައި ވަޒަންވެރި ކޮށްފައިވާ ޔަހޫދުން އެމީހުންނަށް ހުރަސް އަޅައި ދަތިކުރަމުންދާ ކަމަށާއި އަދި އެމީހުން ފަައްސާލާ ކަމަށެވެ. އެ ނޫހުން ކަށަވަރުކޮށްދީފައިވާ ގޮތުގައި ބައެއް ރަށްތައް ވަނީ ޗާޓުން ފޮހެލާފައެވެ.

2022 ގައި ނަތަންޔާހޫ ވެރިކަމަށް އައިސްފައި ވަނީ، ފަލަސްޠީނުގެ ބިންތަކުގައި ޔަހޫދީން ވަޒަންވެރި ކުރުމުގެ މަސައްކަތް ބާރަށް ކުރިއަށް ގެންދާނެ ކަމުގެ ވަޢުދާއެކުގައެވެ.

ފަލަސްޠީނުގެ ބިންތައް ހިފައި ޔަހޫދުން އާބާދު ކުރުމުގެ މަސައްކަތްތައް އިސްކޮށް ކުރިއަށް ގެންދަނީ، ގިނަ ދުވަސްތަކެއް ވަންދެން ޔަހޫދުން އާބާދު ކުރުމުގެ އެކްޓިވިސްޓެއްގެ ގޮތުގައި މަސައްކަތް ކޮށްފައިވާ މިހާރުގެ ފިނޭންސް މިނިސްޓަރު ބެޒާލެލް ސްމޮރިޗް އެވެ. އޭނާއަކީ ފާޅުގައި ފަލަސްޠީނުގެ ދައުލަތެއް ވުޖޫދަށް އައުމާ ދެކޮޅަށް ވާހަކަ ދައްކާ ޔަހޫދީއެކެވެ. ސްމޮރިޗް ބުނެފައި ވަނީ އޭނާގެ މަސައްކަތް ކާމިޔާބު ކުރުމަށްޓަކައި ހުޅަނގު އައްސޭރީގެ އާބާދީތައް އާބާދުވެފައިވާ ގޮތަށް ބަދަލު އަންނަން ޖެހޭ ކަމަށެވެ.

ވޮޝިންޓަން ޕޯސްޓުން ބުނާ ގޮތުގައި ހުޅަނގު އައްސޭރީގައި ގާތްގަނޑަކަށް 3 މިލިއަން ފަލަސްތީނު މީހުން ދިރިއުޅެމުންދާއިރު، 500،000 އަށް ވުރެ ގިނަ ޔަހޫދީން ގަދަކަމުން ފޭރިގެންފައިވާ ބިންތަކުގައި އާބާދުކޮށްފައި ވެއެވެ. އަދި ފާއިތުވި ފަސް އަހަރު ތެރޭގައި އެމީހުންގެ އަދަދު ވަނީ %15 އަށް ވުރެ އިތުރުވެފައެވެ.
އިސްރާއީލުގެ ސުޕްރީމް ޕްލޭނިން ކައުންސިލުން ފާއިތުވި 19 މަސް ދުވަހުގެ ތެރޭގައި އާބާދީތަކުގައި ގާތްގަނޑަކަށް 12،000 ހައުސިން ޔުނިޓް އެޅުމަށް ކުރެހުންތައް ފާސްކޮށްފައި ވެއެވެ.

ޔަހޫދީން ފަލަސްޠީނު މީހުންނާ ދެކޮޅަށް ކުރަމުންދާ ނޭއްގާނި ކަންތައްކަކަށް ޒަޔަނިސްޓް ސިފައިންވެސް ދަނީ ބީރު ކަންފަތެއް ދެމުންނެވެ.

މިދިޔަ މަހު އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސްއިން ބުނެފައި ވަނީ ހިފާފައިޥާ ބިންތަކުން އިޒްރޭލުން ފައިބަން ޖެހޭނެ ކަމަށެވެ. ފަލަސްޠީނު މީހުންނާއެކު އިޒްރޭލުން ސޮއިކޮށްފައިވާ އޮސްލޯ އެއްބަސްވުމުގެ ޝަރުތުތަކުގެ ދަށުން ޒަޔަނިސްޓު ސިފައިންނަށް 60 ޕަސެންޓު ކަމުގައިވާ ސީ އޭރިއާގައި ޙަރަކާތްތެރި ވެއެވެ. ނަމަވެސް ޒަޔަނިސްޓު ސިފައިން އޭރިއާ އޭ އަދި ބީގައިވެސް ޙަރަކާތްތެރި ވެއެވެ. އެހެންވެ، ފަލަސްޠީނުގެ ޒާތި ވެރިކަން ކުރާ އިދާރާއަކީ މިހާރު ނަމެއްގައި އޮންނަ އިދާރާއެކެވެ.

އޮސްލޯ މުޢާހަދާއަށް ފަހު ސީ އޭރިއާއަކީ އިޒްރޭލުން ދެކޭ ގޮތުގައި އެމީހުންގެ އަމިއްލަ ބިމެކެވެ. އެހެންވެ، އެތާގެ ފެންއާރުތަކާއި އާސާރީ ތަންތަނަށް އިޒްރޭލުން ވަނީ ފުރިހަމަ ކޮންޓްރޯލު ނަގާފައެވެ.

އެ ނޫހާ ވާހަކަ ދެއްކި ފަލަސްޠީނު މީހުން ބުނެފައ ވަނީ 7 އޮކްޓޯބަރުގެ ޙަމަލަ ކުރިމަތި ނުވީނަމަ، ޔަހޫދީންގެ ބާރު އިންތިހާއަށް ގަދަވެގެން ދިޔައީސް ކަމަށެވެ. ނަމަވެސް އެ ޙަމލައަށް ފަހު އެމީހުންގެ ނޭއްގާނިކަން އިތުރު ވެފައިވާ ކަންވެސް އެމީހުން ފާހަގަ ކުރެއެވެ.

ވޮޝިންޓަން ޕޯސްޓްގެ ނޫސްވެރިންގެ ތަހުގީގުން ބެލިއިރު ނަތަންޔާހޫ ސަރުކާރު އައުމާއެކު އިރުމަތީ ޤުދުސް އާއެކު ހުޅަނގު އައްސޭރީގައި ދެހާހަށް ވުރެ ގިނަ އިމާރާތް ތަޅާލާފައި ވެއެވެ. މި ޖަރީމާގެ ސަބަބުން 4،000 އަށް ވުރެ ގިނަ މީހުން ގެދޮރު ދޫކޮށް ގޮސްފައިވެއެވެ. އަދި ވޭތުވެދިޔަ ދެ އަހަރު ތެރޭގައި އިތުރު 2،200 މީހުން ގެދޮރު ދޫކޮށް އެހެން ތަންތަނަށް ބޭރުވެފައި ވެއެވެ.

އެ ރިޕޯޓުގައި އިތުރަށް ބުނެފައި ވަނީ، އެމީހުން މަޢުލޫމާތު ހޯދުމަށް މީހުންނާ ބައްދަލު ކުރަމުން ދިޔަ ދުވަހުވެސް، ޒަޔަނސިްޓު ޔަހޫދީ ވަޒަންވެރިން ވަނީ 11 އިމާރާތެއް ހަލާކުކޮށްލާފަައެވެ. އޭގެ ތެރޭގައި ކްލިނިކަކާއި ކައިވެނިތައް ބާއްވާ ހޯލެއް ވެސް ހިމެނެ އެވެ.