އޮފީސް ނިންމަފައި ގެއަށް ގޮސް ޢާއިލާއާއެކު އުލެން ލިބޭ ވަޤުތުގައި، އަންނަ އޮފީސް ފޯނު ކޯލުތަކާއި، އީމެއިލްއާ މެދު ހަދާނީ ކިހިނެއް ހެއްޔެވެ؟ އޮސްޓްރޭލިއާގައި މިއަދުން ފެށިގެން ޢަމަލުކުރަން ފަށާ ގަވައިދު ބުނާ ގޮތުން ގޭގައި ތިއްބައި، ވެރިން ގުޅިއަސް އަދި އޮފީހުން އީމެއިލެއް ކުރިއަސް އެއަށް އިޖާބަ ދޭކަށް ނުޖެހޭނެއެވެ.
އޮސްޓްރޭލިއާގައި ކުރިއަށް ގެންގޮސްފައިވާ ދިރާސާއެއް ދައްކާ ގޮތުން ރަސްމީ ގަޑީގެ ބޭރުން ފައިސާ ނުލިބޭގޮތަށް، އޮސްޓްރޭލިއާގެ މުވައްޒަފުން ކޮށްފައިވާ މަސައްކަތުގެ އަގު 2023ގައި 88 ބިލިއަން އެމެރިކާ ޑޮލަރަށް އަރައެވެ.
މިމައްސަލަ ދިރާސާ ކުރި ފަރާތްތަކުން ބުނެފައި ވަނީ ސުމޭކު ސާމާނުތައް އިންސާނުންގެ ދިރިއުޅުމުގެ ބަޔަކަށް ނުވާހިނދު، ގޭގައި ޢާއިލާއާއެކު ތިބޭއިރު ވެރިންގެ ފަރާތުން އެއްވެސް ތުރާލެއް ދިމާ ނުވާ ކަމަށެވެ. ނަމަވެސް މިހާރު ގޭގައި ވެސް އޮފީސް ހިންގަން ޖެހިފައިވާ ކަމަށެވެ.
ޔޫރަޕާއި ލެޓިން އެމެރިކާގެ ބައެއް ޤައުމުތަކުގައި މިފަދަ ގަވައިދުތަކަށް ޢަމަލު ކުރެއެވެ.
މި ގަވައިދަށް ޢަމަލުކުރިއަސް، މިކަމާ ގުޅިގެން އުފެދޭ ދެބަސްވުންތައް ޙައްލު ކުރާނީ ފެއާ ވަރކް ކޮމިޝަނުންނެވެ. އަދި އެފަރާތުން އެމައސަލައެއް ބަލާއިރު ޙާލަތަށް ރިޢާޔަތްކޮށް މުވައްޒަފު ގަވައިދާ ޚިލާފްވެފައި ވާކަމަށް ވާނަމަ، 19 ހާސް އޮސްޓްރޭލިއާ ޑޮލަރުން ޖުރިމާނާ ކުރެވޭނެއެވެ. އަދި ވަޒީފާ ދޭފަރާތުގެ މައްސަލައެއް އުޅޭނަމަ، 94 ހާސް ޑޮލަރުން ޖުރިމާނާ ކުރެވޭނެއެވެ.