“ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ބަލައިނުގަނެވޭ ފަދަ ނަސްލީ ތަފާތުކުރުމުގެ މެސެޖުތައް” ފަތުރަމުން ގެންދާ ޔަހޫދީ ވަޒީރުންނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް ވިސްނުމަށް ވިލާތު އިއްތިޙާދުގެ ވަޒީރުންނަށް އީޔޫގެ ޚާރިޖީ ސިޔާސަތުގެ ވެރިޔާ ޖޯސެފް ބޮރެލް މިއަދު ގޮވައިލައްވައިފިއެވެ.
ބްރަސެލްސްގައި އީޔޫގެ ޚާރިޖީ ވަޒީރުންގެ ނުރަސްމީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމުގެ ކުރިން ބޮރެލް ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ މިއީ އޭނާގެ އިސްނެންގެވުމެއް ކަމަށެވެ. އަދި ޔަހޫދުންގެ ވަޒީރުން ދައްކަމުން ގެންދާ ވާހަކަތަކަކީ، ބައިނަލްއަޤްވާމީ ޤާނޫނާ ޚިލާފު ވާހަކަތަކެއް ކަމަށާއި، އެ ވާހަކަތަކަކީ، ހަނގުރާމައިގެ ޖަރީމާތަކަށް ހިތްވަރު ދިނުމަށް ދައްކާ ވާހަކަތަކެއް ކަމަށް އޭނާ ސިފަ ކުރެއްވިއެވެ.
އީޔޫގެ ޚާރިޖީ ވަޒީރުން ބްރަސެލްސްއަށް އެއްވެފައި ވަނީ ނުރަސްމީ ބައްދަލުވުމެއްގައި، ޔޫކްރޭންގެ ހަނގުރާމައާއި މެދުއިރުމަތީގެ ހާލަތާއި ދުނިޔޭގެ އަދި ސަރަހައްދީ މައުޟޫއުތަކާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވުމަށެވެ.
ޔަހޫދުންގެ ހަމަލަތަކުގައި ފަލަސްޠީނުގެ 40،500 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްފައި ވެއެވެ. އޭގެ ތެރޭގައި ގިނައީ، އަންހެނުންނާއި ކުޑަކުދިންނެވެ. އަދި 93،700 އަށް ވުރެ ގިނަ މީހުންނަށް އެކި ވަރުގެ އަނިޔާތައް ލިބިފައި ވެއެވެ.
ޔަހޫދުން ޣައްޒާ ޙިސާރަކޮށްފައި އޮތުމުގެ ސަބަބުން، ކާބޯތަކެއްޗާއި ބޯ ފެނާއި ބޭހުގެ ދަތިކަން ވަރަށް ބޮޑަށް ކުރިމަތިވެފައި ވެއެވެ. ޔަހޫދުންގެ ވެރިންނަށް ނަސްލު ނައްތާލުމުގެ ޢަމަލުތައް ހިންގާ ކަމުގެ ތުހުމަތު ބައިނަލްއަޤްވާމީ ފެންވަރުގައި ކޮށްފައި ވެއެވެ.