ޔަހޫދުން، ހުޅަނގު އައްސޭރީގެ އުތުރުގައި ދެމުންދާ ހަމަލާތަކުގެ އަސަރު އެ ސަރަހައްދުގައި ތިބި ފަލަސްތީނުގެ ރެފިއުޖީންނަށް ކުރަމުންދާ ކަމަށް ފަލަސްތީނުގެ ރެފިއުޖީންނާ ބެހޭ އދގެ އިދާރާ އުނަރުވާއިން ބުނެފި އެވެ. ހުޅަނގު އައްސޭރީގައި ޒަޔަނިސްޓުން، މިހާތަނަށް 150 ކުޑަކުދިން ޝަހީދުކޮށްފައިވާ ކަމަށްވެސް އުނަރުވާއިން ބުނެއެވެ.
އުނަރުވާގެ ރައީސް ފިލިޕް ލަޒާރީނީ ވިދާޅުވީ ހުޅަނގު އައްސޭރީގެ އުތުރުގެ 4 ރެފިއުޖީ ކޭމްޕެއްގައި ދިރިއުޅޭ ދިހަހާސް މީހަކަށް ޒަޔަނިސްޓުންގެ ޙަމަލާތަކުގެ އަސަރުކޮށްފައިވާ ކަމަށާއި، އެޙަމަލާތަކުން އެ ކޭމްޕްތަކުގެ އުމްރާނީ ވަސީލަތްތަކަށް ގެއްލުން ލިބިފައިވާ ކަމަށެވެ.
އދގެ މަސްއޫލުވެރިޔާ ވިދާޅުވީ ހުޅަނގު އައްސޭރީގެ ބައެއް ރެފިއުޖީ ކޭމްޕްތަކުގައި އުނަރުވާގެ މަސައްކަތް މެދުކަނޑާލަން މަޖުބުރުވެފައިޥާ ކަމަށެވެ.
ޣައްޒާގައި ނަސްލު ނައްތާލުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށްފަހު، ޔަހޫދުން ހުޅަނގު އައްސޭރީގައި ނަސްލު ނައްތާލުމުގެ މަސައްކަތް ފަށާފައިވާތާ މިހާރު 4 ދުވަސް ވެއްޖެއެވެ.