އިންޑިއާ ބޮޑު ވަޒީރު ބުރޫނާއިއަށް ވަޑައިގެންފި

ދެކުނު އިރުމަތީ އޭޝިއާގެ ދެ ޤައުމަކަށް ކުރައްވާ ދަތުރުފުޅެއްގައި އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޮދީ، ބުރޫނާއިއަށް ވަޑައިގެންފިއެވެ. މޮދީއަށް ވައިގެ ބަނދަރުން މަރުޙަބާ ވިދާޅުވީ ވަލީ ޢަހުދު، އަލްމުހުތަދީ ބިﷲއެވެ.

މޮދީ ވަނީ ބުރޫނާއީގެ ރަސްގެފާނަށް ޝުކުރު އަދާ ކުރައްވައި ރަސްގެފާނާއެކު ބާއްވަވާ ބައްދަލުވުމަށް ޝައުޤުވެރިކަމާއެކު އުންމީދު ކުރައްވާ ކަމުގައި ވިދާޅުވެފައެވެ.

މޮދީގެ ދަތުރުފުޅުގެ ފުރަތަމަ ދުވަހު އޭނާ ވަނީ ބުރޫނާއިގެ ޢުމަރު ޢަލީ ސައިފުއްދީން މިސްކިތަށް ޒިޔާރަތް ކުރައްވައި، މިސްކިތް ބައްލަވާލައްވައި، މިސްކިތާ ބެހޭ ތާރީޚީ ވީޑިއޯއެއް ވެސް ބައްލަވާ ލައްވާފައެވެ.

މޮދީ މިސްކިތަށް ޒިޔާރަތް ކުރެއްވުމުން، އޭނާއަށް މަރުޙަބާ ދެންނެވީ، ބުރޫނާއިގެ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ދާތޯ އުސްތާޛް ބަދުރުއްދީނެވެ.

އެއަށްފަހު އިންޑިއާގެ ހައިކޮމިޝަނުގެ އައު އިމާރާތްވެސް މޮދީ އިފްތިތާޙު ކޮށްދެއްވިއެވެ. ދެ ތަނުގައިވެސް އޭނާ ވަނީ އެޤައުމުގައި ދިރިއުޅޭ އިންޑިއާ މީހުންނާ ބައްދަލު ކުރައްވައި ޚިޔާލު ބަދަލު ކުރައްވައި ވާހަކަ ދައްކަވާފައެވެ.

މިއީ އިންޑިއާގެ ބޮޑު ވަޒީރަކު ބުރޫނާއިއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ. މޮދީ، ބުރޫނާއިގެ ރަސްގެފާނާއި ބައްދަލު ކުރެއްވުން އޮންނާނީ މާދަމާ އެވެ. އެއަށްފަހު މޮދީ ދެން ވަޑައިގަންނަވާނީ ސިންގަޕޫރަށެވެ.