އެރުދުޣާންގެ އަނގަބަހުން ކުރައްވާ ޖިހާދުގެ އައު ބާބެއް

ޔަހޫދީ ދައުލަތުގެ ކިބުރުވެރިކަމާއި ގަނާ ކުރުމާއި ޓެރަރިޒަމް ހުއްޓުވޭނެ ހަމައެކަނި ފިޔަވަޅަކީ އިސްލާމީ ގައުމުތަކުގެ އިއްތިޙާދެއް، ހެދުން ކަމަށް އެރުދުޣާން ވިދާޅުވެއެވެ. ތުރުކީ ރައީސް ރަޖަބް އެރުދުޣާނަކީ، އަނގަ ބަހުން ފަލަސްޠީނަށް ބޮޑު ތާއީދެއް ދެއްވާ މުސްލިމު ލީޑަރެކެވެ.

ތުރުކީގެ ރައީސް ރަޖަބް އެރުދުޣާން ވިދާޅުވަނީ، ޒަޔަނިސްޓުން ހުޅަނގު އައްސޭރީގައި ބިން ހިފުމުގެ ސިޔާސަތެއް ގެންގުޅޭ ކަމަށާއި ޒަޔަނިސްޓު ދައުލަތާ ދެކޮޅަށް އިސްލާމީ ޤައުމުތަކުން އިއްތިޙާދެއް ހަދަން ޖެހޭ ކަމަށެވެ. އެރުދުޣާން މި ވާހަކަ ވިދާޅުވީ، ހިފާފައިވާ ހުޅަނގު އައްސޭރީގައި އެމެރިކާއާއި ތުރުކީގެ ރަށްވެއްސަކަށް ޒަޔަނިސްޓު ސިފައިން ހަމަލަދީ ޝަހީދުކޮށްލުމާ ގުޅިގެންނެވެ.

އިސްލާމީ ސްކޫލެއްގައި ވާހަކަ ދައްކަވަމުން އެރުދުޣާން ވިދާޅުވީ މިސްރާއި ސީރިއާއާ އެކު ތުރުކީން ގުޅުން ރަނގަޅު ކުރުމަށް ފަހަކަށް އައިސް އަޅާފައިވާ ފިޔަވަޅުތަކުގެ މަޤްޞަދަކީ އިއްތިޙާދެއް އުފެއްދުމުގެ މަޤްޞަދުގައި އަޅާފައިވާ ފިޔަވަޅެއް ކަމަށާއި ޔަހޫދުންގެ އަމަލުތަކުން، ލުބުނާނާއި ސީރިއާއަށް ވެސް ނުރައްކާ ވަމުންދާ ކަމަށެވެ. އުރުދުޣާން ވަނީ މިދިޔަ ހަފްތާގައި އަންކާރާގައި މިސްރުގެ ރައީސް އަބްދުލް ފައްތާހު އަލް ސީސީއާ ބައްދަލުކުރައްވައި، ޣައްޒާ ހަނގުރާމައާއި އަދި މިސްރާއެކު ވަޅޯވެފައިވާ ތުރުކީގެ ގުޅުން ރަނގަޅު ކުރެވޭނެ ގޮތްތަކާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާފަ އެވެ. މިސްރާއި ތުރުކީގެ ގުޅުން ރަނގަޅުވާން ފެށީ 2020 ވަނަ އަހަރު ތުރުކީން އަރަބި ސަރަޙައްދުގެ ބައެއް ޤައުމުތަކާއެކު އުފެދިފައިވާ ނުތަނަވަސްކަން ކުޑަކުރުމަށް ޑިޕްލޮމެޓިކް މަސައްކަތްތަކެއް ފެށުމުންނެވެ. އުރުދުޣާން ވަނީ ސޫރިޔާގެ ރައީސަށްވެސް ގުޅުން ރަނގަޅު ކުރުމަށް މަޝްވަރާއަށް ދަޢުވަތު ދޭން ނިންމަވާފައެވެ.

ގުޅުންހުރި ލިޔުންތައް