ޖޯޑަންއާއި އިޒްރޭލުގެ ބޯޑަރުގައި ތިބޭ ޔަހޫދީ ގާޑުންގެ ތިން މީހަކު ނައްތާލުމުގެ އުފަލުގައި ޖޯޑަންގައި ރައްޔިތުން މިއަދު ފޮނި ކާނާ ބަހައިފިއެވެ. ހިފާފައިވާ ފަލަސްޠީނުގެ ބިމުގައި އިންދާފައިވާ ޒަޔަނިސްޓު ދައުލަތުގެ ތިން ސެކިއުރިޓީ ގާޑުން ގެ ގަޔަށް ބަޑިޖަހައި އެމީހުން ނައްތާލާފައި ވަނީ ޖޯޑަންއިން ލޮރީއެއްގައި އެތެރެވި މީހެކެވެ.
ކިންގް ހުސެއިން ބްރިޖް ހުރަސްކޮށް އިޒްރޭލާ ވީފަޅީގައި އޮންނަ އެލެންބީ ބްރިޖު މަތީގައި ތިބޭ ޔަހޫދީންގެ ތިން ގާޑުން ނައްތާލާފައި ވަނީ، ހުޅަނގު އައްސޭރިއަށް ޔަހޫދީން ހަމަލަދީ ޖެނިން ރެފިއުޖީ ކެމްޕް ސުންނާފަތި ކުރުމަށް ފަހުއެވެ.
މި ޙަމަލަ ދިން ޖޯޑަން މީހާ ވަނީ ޒަޔަނިސްޓުންގެ ބަޑީގެ ޙަމަލަތަކުން ޝަހީދުކޮށްލާފައެވެ.
ފަލަސްޠީނުގެ މިނިވަންކަމަށް ޙަމާސްއިން އޮކްޓޯބަރު ހަތް ވަނަ ދުވަހު ފެށި ޙަމަލައަށް ފަހު ޣައްޒާއާއި ހުޅަނގު އައްސޭރީގައި ޔަހޫދުންގެ އަނިޔާވެރިކަން ވަނީ އިތުރު ވެފައެވެ.
ޣައްޒާގައި 50ހާހާ ގާތްކުރާ ޢަދަދަކަށް މީހުން ޝަހީދުކޮށްފައި ވެއެވެ. އަދި ހުޅަނގު އައްސޭރީގައި 700އާ ގާތް ކުރާ ޢަދަދަކަށް މީހުން ޝަހީދުކޮށްފައި ވެއެވެ. މިތަންތަނުން އެތައް ހާސް ފަލަސްޠީނު މީހުނެއް ޔަހޫދުން ވަނީ ހައްޔަރުކޮށްގެން ގެންގޮސްފައެވެ. ފަލަސްޠީނު ހަނގުރާމަވެރިން ދީފައިވާ ދިފާޢީ ޙަމަލަތަކުގައި ޔަހޫދުންގެ ގިނަ ބަޔެއް ނައްތާލާފައި ވެއެވެ. އަދި ސިފައިންގެ ގިނަ ބަޔެއް ޢުމުރަށް ނުކުޅައްދާފައި ވެސް ވެއެވެ.