މަގުގެ ވަޅުގަނޑުތައް ހޯދައި ގަންނާނީ ޑްރޯން އިން

އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން ދުއްވާ ޑްރޯންތައް ބޭނުންކޮށްގެން ލިތުއޭނިއާގެ މަގުތަކުގައި ހުންނަ ވަޅުގަނޑުތައް މަތިން އިންސްޕެކްޓް ކުރުމުގެ މަސައްކަތް ފަށައިފިއެވެ.

ލިތުއޭނިއާގެ މަގުތަކުގެ 21،000 ކިލޯމީޓަރު ބަލަހައްޓަނީ ސަރުކާރުގެ ކުންފުނިންނެވެ. އެ ކުންފުނިން ވަނީ އޮޓޮމޭޓެޑް ރޯޑް އިންސްޕެކްޝަނަށް އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން މަގުތަކުގެ ވަޅުގަނޑުތައް ދަނެގަތުމަށް ޑްރޯން ސްޕެޝަލިސްޓް ކުންފުންޏެއް ކަމަށްވާ ތްރަސްޓާއި އާޓިފިޝަލް އިންޓެލިޖެންސްގެ މައުލޫމާތު ތަހުލީލު ކުރާ އަގްމިސް އާ ގުޅިގެން މަސައްކަތް ކުރުމަށް އެއްބަސްވެފައެވެ.

“ގްރީންބީ” ނަމަކަށް ކިޔާ މި މަޝްރޫއުގެ ދަށުން އިންސްޕެކްޝަން ވެހިކަލްތައް މަގުތަކުގައި ދުއްވުމުގެ ބަދަލުގައި އިންސްޕެކްޝަން ރޫޓްތަކުގައި އުދުހޭނީ ހައި ޑެފިނިޝަން ކެމެރާ އާއި ސެންސަރުތައް ހަރުކޮށްފައި ހުންނަ ޑްރޯންތަކުންނެވެ.

މި ޑްރޯންތަކުން އެއްކުރެވޭ ޑޭޓާ އެނަލައިޒްކުރާނީ އާޓިފިޝަލް އިންޓެލިޖެންސްއާއި ކޮމްޕިއުޓަރ ވިޝަން ޓެކްނޮލޮޖީސް ބޭނުންކޮށްގެންނެވެ.

މި ޑްރޯން ބޭނުން ކުރުމުން ތިމާވެށްޓަށް އުޅަނދުތަކުން ބޭރުވާ ވިހަގޭސްވެސް 90 ޕަސެންޓަށް މަދުވާނެއެވެ.