އިލޯން މަސްކު އެއީ ކާކު؟

ދުނިޔޭގެ އެންމެ މުއްސަނދި ބިލިއަނަރުންގެ ލިސްޓްގެ އެންމެ ކުރީގައި ހިމެނޭ، އީލޯން މަސްކަކީ، ސޯލާ ސިޓީއާއި ޓެސްލާއާއި ބޯރިންގ ކޮމްޕެނީއާއި ސްޕޭސް އެކްސްގެ ބާނީއެވެ.

ކިޔުންތެރިންނަށް މި ގެނެސްދެނީ އީލޯން މަސްކް ގެ ހަޔާތާ ބެހޭ ފޮތުގެ ކުރު ޚުލާސާއެކެވެ.

މި ފޮތް އެކުލަވާލާފައިވަނީ، ވަރަށް ބިޒީ ޝެޑިއުލެއްގައި އުޅޭ މަސްކްއާއެކު 30 ގަޑި އިރުވަންދެން އެކި ފަހަރު މަތިން، އެޝްލީ ވޭންސް ކުރި އިންތަރވިއުތަކުން އެއްކޮށްފައިވާ މަޢްލޫމާތުންނެވެ.

މި ފޮތުގައި އެންމެ ފާހަގަ ކުރެވޭ ވާހަކައަކަށް މަސްކު ބުނެފައިވާ ޖުމުލައަކީ، “ގަވާއިދުތައް ހުންނަ ގޮތުން ކުރިއަށް ނުދެވެނީނަމަ، ދެން ޖެހޭނީ އެ ގަވާއިދުތަކާ އަރައިރުން ވެގަންނާށެވެ.” އެލޯން މަސްކް

އެންމެ ފުރަތަމަ އީލޯން މަސްކް ބޮޑު ވިޔަފާރީގެ ދުނިޔެއިން ވިދާލީ، ޕިޓާރ ތިއެލްއާއެކު ޕޭޕާލް (PAYPAL) ހަދައި 1.5 ބިލިއަން ޑޮލަރަށް އެކުންފުނި ވިއްކައިގެން މިލިއަނަރަކަށް ވީ ހިސާބުންނެވެ. އެއަށްފަހު އޭނާ ވިދާލާނީ ޓެސްލާ ގެ ރޯޑްސްޓަރ ކާރު އުފެއްދުމުންނެވެ.

މަސްކުގެ ޅަފަތުގައިވެސް އޭނާގެ ދިރިއުޅުމަށް ލަނޑުދަނޑިއެއް ކަނޑައެޅިއެވެ. އަމިއްލައަށް ދިރިއުޅޭނީ ކިހިނެއްތޯ ނިންމި އިރު އޭނާ ނިންމާފައި ވަނީ، އިންސާނުންގެ މުސްތަގްބަލު ފާގަތި ކުރުމަށް މަސައްކަތް ކުރުމަކީ، އޭނާގެ ހަޔާތުގެ މަގްސަދުކަމުގައެވެ.

އީލޯން މަސްކް އާ ބެހޭ މިފޮތް ކިޔާލާއިރު އޭނާގެ ހަޔާތުން ދަސްވާ ތިން ފިލާވަޅެއް މި ގޮތަށް ޚުލާސާ ކޮށްލެވިދާނެއެވެ.

ފުރަތަމަ ފިލާވަޅަކީ: ކޮންމެ މީހަކަށްވެސް، ސުއާލުތަކަށް ޖަވާބު ދިނުމަކީ ނިކަން ފަސޭހަ ކަމެކެވެ. އެކަމަކު އެންމެ އުނދަގޫ ކަމަކީ، މުނާސިބު ސުއާލެއް ކުރުމެވެ.

ދެވަނަ ފިލާވަޅަކީ: އަމާޒަށް ވާސިލު ވުމަށްޓަކައި އަޒުމާއެކު މަސައްކަތް ކޮށްގެން ކާމިޔާބު ހޯދުމަކީ ތިމާގެ އަމާޒު ކަމުގައި ހަދާށެވެ.

ތިންވަނަ ފިލާވަޅަކީ: އެހެން މީހުންނަށް ނަތީޖާ ދެއްކުމަށްޓަކައި ތިމާ ކުރާ ހުރިހައި ކަމެއް މައުޞޫއެއްގައި އެއްތަނަކުން ކުރާށެވެ.

އީލޯން މަސްކުގެ ޅަފަތުގެ ދުވަސްތައް އެހާ މާއުފާވެރި އެއް ނޫނެވެ. މައިންބަފައިން ވަރިވެގެން ދިއުމުން އެމީހުންނާއެކު އޭނާއަށް ބޭއްވުނީ އެންމެ ރަނގަޅު ގުޅުމެއް ވެސް ނޫނެވެ.

މަސްކު އުޅެން އިޚުތިޔާރު ކުރީ އޭނާގެ ބައްޕައާއެކު އެކުގައެވެ. އެ ހިތި ތަޖުރިބާއާ އެކު، ސްކޫލުގައި އޭނާއަށް ގަނާ ކުރުމާ ވެސް ކުރިމަތިލާން ޖެހުނެވެ.

މިކަހަލަ ކަންތައްތަކާ ހެދި މަސްކަށް ޖެހުނީ މީހުންނާ އެކަހެރި ވެގެން އުޅޭށެވެ. ކިޔެވުމާއި ފޮތް ކިޔުމުގައި ގިނަ ވަގުތު މަޝްޣޫލުވެގެން އުޅޭށެވެ. އެއް ދުވަސްވަރެއްގައި، މަސްކް މަހެއްގެ މައްޗަށް 60 ފޮތް ކިޔައި އުޅުނެވެ.

ހަނދާނުގެ ގަދަ ކަމާއެކު އެންސައިކްލޯޕީޑިއާތައް އޭނާ ބަރާބަށް ސިކުނޑިއަށް ނަގައި ގަނެއެވެ. އެގޮތަށް ފޮތް ކިޔުމުގެ ތެރޭގައި އޭނާ އަޅައިގަތީ “ދަ ހިޗްހައިކަރޒް ގައިޑް ޓު ގެލެކްސީ” ފޮތަށެވެ. މި ފޮތުން އޭނާއަށް މަޖާ ވާހަކަ ތަކާއެކު މައްސަލަތައް ހައްލު ކުރާނެ ގޮތުގެ ޚިޔާލުތައްވެސް ލިބުނެވެ.

މި ފޮތް، މަސްކަށް ދަސްކޮށްދިނީ ސުއާލު ކުރުން ފަސޭހަވެފައި ޖަވާބު ދިނުމަކީ އުނދަގޫ ކަމެއް ކަމަށެވެ. ބައެއް ފަހަރަށް މުނާސިބު ސުއާލު ކުރަން ނޭނގުމުގެ ސަބަބުން އަބަދުވެސް ނުބައި ޖަވާބުތައް ލިބި މައްސަލަ ހައްލު ނުކުރެވި ހުއްޓުމެއްގައި ތިބެން ޖެހޭ ކަމެވެ. މުނާސިބު ސުއާލު ކުރެވޭ ނަމަ ރަނގަޅު ޖަވާބު ލިބި މައްސަލަ ހައްލު ވީހެވެ.

މިސާލަކަށް މަސްކް ކޮށްލާ ވައްތަރުގެ ސުއާލަކީ، އަހަރަމެން ސްޓްރެސް ނަގައި، ބުރަކޮށް އުޅެނީ، އާމްދަނީއަށް ތޯ ނޫނީ ވަޒީފާއަށް ތޯއެވެ. މިއީ ކޮން މަގްސަދެއްގައި ކުރާ ކަމެއް ހެއްޔެވެ؟ ކުރާނެ މިއަށް ވުރެން ރަނގަޅު އެހެން ކަމެއް ނެތީ ހެއްޔެވެ؟

މިފަދަ ސުއާލުތަކާއެކު މަސްކުގެ ޚިޔާލަށް އައީ އިރުގެ އަވިން ހަކަތަ އުފެއްދުމާއި ސްޕޭސްއަށް ރޮކެޓް ފޮނުވުމާއި ކަރުދާހާ ނުލައި ބޭންކްތަކުގެ މުއާމަލާތު ހިންގުމެވެ. މިއީ އޭނާ ހައިސްކޫލަށް ވަނުމުގެ ކުރިންވެސް ވިސްނައި ފިކުރު ކުރި ކަންތައްތަކެވެ.

ދެވަނަ ކަމަކަށް އަޒުމާއެކު މަސައްކަތް ކޮށް ކާމިޔާބީއަށް ވާސިލުވުމުގައި މަސްކު ދެކެނީ، ނަތީޖާއެއް ހާސިލުވަންދެން، އެއް ކަމެއް ކޮށްލުން މަތީ ގިނަ ދުވަސް ވަންދެން ދެމި ހުންނަން ޖެހޭ ކަމެވެ.

މީގެ މާނައަކީ، ކުރިއަށް ދެން އަޅަން ޖެހޭ ފިޔަވަޅުވެސް މީހާއަށް އެނގި އެކަމަށް ތައްޔާރުވެފައި ރޭވިފައި އޮންނަން ޖެހޭނެ ކަމެވެ.

މިކަމުގެ މިސާލެއްގެ ގޮތުގައި މަސްކު ދައްކަނީ އޭނާގެ ފުރަތަމަ އަނބިމީހާ ހޯދި ގޮތުގެ ވާހަކައެވެ. ޖަސްޓިން ވިލްސަން އަކީ އެއްގޮތަކަށްވެސް މަސްކަށް ޝައުވެރިކަމެއް ގެންގުޅުނު އަންހެނެއް ނޫނެވެ. އޭނާގެ ފުރަތަމަ ޑޭޓަށް އައިސްކްރީމް ކާލަން ވިލްސަނެއް ހާޒިރެއް ނުވިއެވެ. އެކަމަކު މަސްކު ބެލީ އޭނާއަށް އައިސްކްރީމް ކާން ނާދެވުނު ނަމަވެސް، އޭނާ އައިސްކްރީމް ކާން ޝައުގު ވެރިވާނެ ކަމަށެވެ. އެހެންވެ، މަސްކް އައިސްކްރީމް ގެންދިޔައީ ވިލްސަން ގެ ގާތަށެވެ. ވިލްސަން ގަޔާވާ ފްލޭވަރއާއި އޭނާ ކިޔަވާ ތަނަކާ ބެހޭ މަޢްލޫމާތު ރައްޓެއްގެ ގާތުން އަހައިގެން މަސްކު އޭނާ ކައިރިއަށް ވައްޓާލީ ދެ ޗޮކްލެޓް އައިސްކޯންއާ އެކުގައެވެ.

މިކަމުގައި މަސްކު ސުއާލުކޮށްލީ:

ވިލްސަން އަހަރެން ދެކެ ގަޔާވޭ ހެއްޔެވެ؟

ނޫނެކެވެ!

ވިލްސަން އައިސްކްރީމް ކާހިތްވޭ ހެއްޔެވެ؟

ފަހަރެއްގައި ވެދާނެއެވެ!

އެހެންވީއިރު އަހަރެން އައިސް ކްރީމް ގެންގޮސްދިނުމުން އޭނާ ފަހަރެއްގައި ގަޔާވެ ދާނެއެވެ!

މިއީ މައްސަލަ ހައްލުކޮށްލުމަށް މަސްކް ކޮށްލަން ބޭނުންވާ ވައްތަރުގެ މުނާސިބު ސުއާލުތަކެވެ.

މަސްކުގެ މިމަސައްކަތް ކާމިޔާބު ވިއެވެ. މިކައިވެންޏަށް 6 ކުދިން ލިބުނެވެ.

ތިންވަނަ ކަމަކީ، ދިރިއުޅުމުގައި އެތައް ކަމެއްގައި އެތައް އަމާޒެއް ގެންގުޅުމަކީ ރަނގަޅު ކަމެކެވެ. އެއީ ދިރިއުޅުމުގައި ކުލަޖައްސައިދޭ، މަޖާކަން ގެނެސްދޭ ކަންކަމެވެ.

މިސާލަކަށް ކޮންމެ މީހެއްގެ ދިރިއުޅުމަކީ، ޕިރާމިޑެއްގެ އެންމެ ތިރީގެ ފުޅާ ބަޔާ އެއް ގޮތް ތަނެއްކަމަށް ޚިޔާލަށް ގެންނާށެވެ. ކޮންމެ މީހަކު އެތައް ވައްތަރެއްގެ ކަންތައްތަކެއްގައި އެކި ދުވަސްވަރު އުޅޭނެއެވެ.

އެއް ފަހަރު ކޮންމެވެސް އެއްޗެއް ވިއްކާ ސޭލްސްމަނެއްގެ ގޮތުގައެވެ. އަނެއް ފަހަރު ފޮތެއް ލިޔުމުގެ މަސައްކަތުގައި އެހެން އެހެން ދިމާއެއްގައި އުޅެދާނެއެވެ. އަދި ކޮންމެވެސް އެހެން ޒަމާނެއްގައި ތަންތަން ކުއްޔަށް ދޭ މީހެއްގެ ގޮތުގައި ނުވަތަ އެޖެންޓެއްގެ ގޮތުގައި އުޅެދާނެއެވެ.

މިގޮތަށް މައްޗަށް ދާއިރު ޕީރާމިޑްގެ މަތިން ދާނީ ހަނިވަމުންނެވެ. ދެން ބޭރުވާން ފެންނާނީ މަތިން އެންމެ ހަނި ތަނެކެވެ. އެއީ އެންމެ އަމާޒެކެވެ.

ތިރީގައި ޕިރާމިޑްގެ ފުޅާ ދިމާލުގައި މީހާ ކުރި ހުރިހައި ކަންތައްތައް އެއް އަމާޒަކަށް ކުރުކޮށްލައި ހިމުން ކޮށްލުމުން ފޯކަސްކޮށްލަން ނިކަން ފަސޭހަވާނެއެވެ.

އެތައް ކަމެއްގައި އުޅޭއިރު، އެކަންތައްތަކާ ގުޅިގެން އުފެދޭ އެހެން އެތައް އެތައް ކަމަކުން ތިމާއަށް ފުރުސަތުތައް ވެސް ފަހިވެގެން ދާނެއެވެ. އަދި މިއިން އުފެދޭ، ކުދި ކުދި އަމާޒުތައްވެސް މުސްތަގްބަލުގެ ބޮޑު އެއް އަމާޒަކަށް ބައްޓަން ކޮށްލެވިދާނެއެވެ.

އީލޯން މަސްކަށް ބަލައިފިނަމަ، މިކަން ހަގީގަތަކަށް ފެންނާން އެބައޮތެވެ.

ޓެސްލާ ކުންފުނިން އުފައްދާ ބެޓެރިތައް ވިއްކަނީ އޭނާގެ އަނެއް ކުންފުނި ކަމަށްވާ ސޯލާ ސިޓީއެވެ. ސޯލާ ސިޓީން އުފައްދާ ސޯލާ ޕެނަލްތައް ޓެސްލާގެ ކާރު ޗާޖް ކުރާ ސްޓޭޝަންތަކަށް ވިއްކައެވެ.

މިހުރިހައި ކުންފުނިތަކުން މަސައްކަތް ކުރަނީ މަސްކުގެ އަމާޒުކަމުގައިވާ އިންސާނުންގެ މުސްތަގްބަލަށް ޚިދުމަތް ކުރުމުގެ އަމާޒަށެވެ.