ޗައިނާގެ ރައީސް ޝީއަކީ ޗައިނާގެ ޗެއަރމަން މާއޯއަށްފަހު ވެރިކަމަށް ވަޑައިގަތް ކޮމިއުނިސްޓް ޗައިނާގެ އެންމެ ނުފޫޒުގަދަ ލީޑަރެވެ. ޝީގެ ބާރުގަދަ ކަން ބޭރުފުށުން ފެނުނު ކަމުގައި ވިއަސް އެތެރޭގައި އަމިއްލައަށް ބިރުވެރިކަމެއް އޮންކަން ފާހަގަ ވެއެވެ.
2012 ގައި އޭނާ ވެރިކަމަށް ވަޑައިގަތް އިރު ޗައިނާގެ އިގްތިސާދީ ދުވެލި އޮތީ ހިމޭން ވެފައެވެ. ދެ އަދަދުން އެއް އަދަދަށް ތިރިވެފައެވެ. ވަޒީފާ އަދާ ކުރާ މީހުންގެ އުމުރު މަތިވާން ފަށާފައެވެ.
ވޮޝިންޓަންގެ ސެންޓަރ ފޯރ ސްޓްރެޓީޖިކް އިންޓަރނޭޝަނަލް ސްޓަޑީޒްއިން ބުނާ ގޮތުގައި 2030ގައި ޗައިނާއަށް ޖެހޭނީ ގައުމުން ބޭރުން މީހުން ވަޒީފާއަށް އެތެރެ ކުރަށެވެ.
2050 އަންނަ އިރު ދުނިޔޭގައި އުމުރުން 65 އަހަރު ވެފައިވާ އާބާދީގެ 329 މިލިއަން މީހުން ތިބޭނީ ޗައިނާގައެވެ. މިއީ ފުރާފުރިހަމަ ވުމުގެ ކުރިން ދުނިޔޭގެ ބޮޑު އިގްތިސާދަކުން އެހާއަވަހަށް މުސްކުޅީވާ ފުރަތަމަ ގައުމެވެ.
މީގެ ސަބަބުން ޗައިނާގެ އިގްތިސާދު ދާނީ ދަށްވެގެންނެވެ. ސަރުކާރަށް ޖެހޭނީ ސިޔާސީ މިނިވަންކަމެއް ހޯދަން މަސައްކަތް ކުރާ މުއްސަނދިކަން އިޙުސާސްކުރާ މެދުފަންތީގެ މީހުންގެ އެދުމާ މިކަމާ މެދު ހަމަހަމަކަމެއް ގެންގުޅޭށެވެ.
އުމުރުން ދުވަސްވާ އާބާދީއެއްގެ ސަބަބުން ސަރުކާރަށް ބުރަ ބޮޑުވެ، އިތުރު ރިސޯސް އެމީހުންނަށް ކަނޑައެޅުމަށް ސަރުކާރަށް މަޖުބޫރުވެގެންދާނެއެވެ. ނަތީޖާއަކަށް ވެގެންދާނީ އެމެރިކާއާ ކުރިމަތި ލުމަށް ޗައިނާއަށް ލިބިފައިވާ ރިސޯސް މަދުވެގެން ދިއުމެވެ.
ޝީއަށް ދިމާވެފައިވާ އެންމެ ބޮޑު ގޮން ޖެހުމަކީ އާބާދީ އުމުރުން ދުވަސްވަމުންދާ ކަމެވެ. ކޮމިއުނިސްޓް ޕާޓީން ގަބޫލު ކުރަމުން އައި ޑެންޝިއާއޮ ޕިންގ ގެ ފަލްސަފާ ދޫކޮށްލަން ޝީއަށް މަޖުބޫރުވެ ވަޑައިގަންނަވަނީވެސް މި ސަބަބާ ލައިގެންނެވެ.
ޑެންޝިއާއޮ ޕިންގ އަބަދުވެސް ބާރުއަޅުއްވާފައި ވަނީ ޗައިނާއިން ކެތްތެރިކަން އިސްކޮށް ބާރު ދެއްކުމަށް ފުރުސަތުތެއް ލިބެންދެން އަސްކަރީ ގޮތުންނާއި އިގްތިސާދީގޮތުން ތަރައްގީވުމަށް މަސައްކަތް ކޮށްލަކޮށްލާ އޮތުމަށެވެ.
އެހެން ނަމަވެސް ޝީ ދެކެވަޑައިގަންނަވާ ގޮތުގައި ޗައިނާއަކަށް ދެނެއް މަޑަކުންނެއް ނޯވެވޭނެއެވެ. އަދި މިނިވަން ދުނިޔޭގެ ނިޒާމަކީ ޗައިނާގެ ވަށައިގެން އެނބުރޭ އެއްޗަކަށް ހެދުމަށް ޗައިނާގެ އާބާދީ މުސްކުޅިވެ އިގްތިސާދު ހީނަރުވުމުގެ ކުރިން ކުރިން ޝީ ބޭނުންފުޅު ވެއެވެ.
ޗައިނާގެ އިގްތިސާދު ހުޅުވާލައި ތިޔާގި ވެގަތުމުގެ ބަދަލުގައި ޝީ ބޭނުންފުޅުވީ އަމިއްލަ ފުދުންތެރިކަން ދެއްކުމަށްޓަކައި ޗައިނާއަކީ ނޭޝަނަލް ޗެމްޕިއަނެއްކަމަށް ދައްކާށެވެ. އަދި ބިލިއަން މީހުންގެ މައްޗަށް ކޮމިއުނިސްޓް ޕާޓީގެ ބާރުގަދަ ކޮށް އިތުރު ކޮންޓްރޯލްތައް ލައިގެން ވެރިކަން ކުރާށެވެ.
ޗައިނާގެ އިގްތިސާދު ހީނަރުވީ ވަރަކުން ޝީ މަސައްކަތް ކުރައްވަނީ ޗައިނާގެ ބާރުގަދަކަން ދައްކަވާށެވެ. ވަކިން ޚާއްސަ ގޮތެއްގައި މިސިޔާސަތު ޗައިނާގެ ތެރޭގައި ގަދަޔަށް ހިންގަވައެވެ. މިއަދާ ހަމައަށް ޗައިނާއަށް އައި ހުރިހައި ހީނަރުކަމެއް އައިސްފައިވަނީ ބޭރުން އައި ހަމަލަތަކާއި އެތެރޭގެ ދެކޮޅު ވެރިކަމާއެއްވެގެން އެކަންކަން ކާމިޔާބު ވުމާ ގުޅިގެންނެވެ.
ޗައިނާގެ އެތެރޭގައި ހަމަނުޖެހުމެއް އުފެދިދާނެ ކަމީ ޝީ ލަފާ ކުރައްވާ ކަމެކެވެ. އޭނާ ވަނީ ސަރުކާރު މުވައްޒަފުންނާއި މަސްއޫލުވެރިންގެ 1.5 މިލިއަން މީހުން ބޭރުކޮށްލައްވާފައެވެ. މީގައި ޕާޓީގެ ވެރިންނާއި އަސްކަރީ މަސްއޫލުވެރިން ހިމެނެއެވެ.
އެމެރިކާއާއެކު އޭނާ ހިންގަވާ ވިޔަފާރީހގެ ހަނގުރާމައަކީ ޗައިނާގައި މަގްބޫލު އެއްޗެއް ނޫނެވެ. އެއްވެސް ވަރެއްގެ ބަލި ކަށި ކަމެއް އޭނާގެ ފުށުން ފެނިއްޖެނަމަ އޭނާއަށްވެސް އޭނާގެ ވާދަވެރިޔާ ބޯ ޝީލާއިއަށް ދިމާވި ގޮތް ދިމާވެދާނެ ކަމަށް ޝީ ދެކެވަޑައިގަންނަވައެވެ. ބޯ މިހާރު ހުންނެވީ ކޮމިއުނިސްޓް ޕާޓީގެ އިސް މަސްއޫލުވެރިންނަށް ހަދާފައިވާ ވީއައިޕީ ޖަލެއްގައެވެ.
މީގެ އިތުރުން ބައެއް ސިޔާސީ ފިޔަވަޅުތައް އަވަސް ކުރައްވައިގެން ޝީ ހާސިލުކުރައްވަން ބޭނުންފުޅުވާ ކަންތައްތަކެއްވެސް ވެއެވެ.
2021ގައި ޗައިނާ ކޮމިއުނިސްޓް ޕާޓީ އުފެއްދުމުގެ 100 ވަނަ އަހަރީ ދުވަސް ފާހަގަ ކުރިއެވެ. 2049ގައި ކޮމިއުނިސްޓް ޗައިނާ އުފެއްދިތާ 100 އަހަރު ފާހަގަ ކުރާނެއެވެ.
ތާރީޚްގައި ބޮޑު މުހިންމު ކަމެއް ކޮށްފައިވާ މީހެއްގެ ގޮތުގައި ލިޔެވިގެން ދިއުމަށް ޝީ ބޭނުންފުޅުވެއެވެ. މިމަސައްކަތާއެކު ޝީ ވަނީ ދީނަށް އުޅުނު އެންމެނަށް އޭނާގެ ހަރުކަށިކަން ދައްކަވާފައެވެ. ވިޔަފާރިވެރިންނާއި މަސްއޫލުވެރިންނާއި ސިފައިންވެސް މިއިން އިސްތިސްނާ ވެފައެއް ނުވެއެވެ. އެހެން ގައުމުތައް އަތްދަށު ލުމަށްޓަކައި ބެލްޓް އެންޑް ރޯޑް މަޝްރޫއާއެކު އެކު ދަރަނީގެ ދަންތުރަތައް އޭނާ ވަނީ ޖައްސަވާފައެވެ. ޝީގެ އިންސާނީ ހައްގުތަކުގެ ރެކޯޑަކީ އެހެންވެސް ހުތުރު ޑިކްޓޭޓަރުޖންގެ ރެކޯޑާ އެއްފަދަ އެއްޗެކެވެ.
ޗައިނާގައި ދެކޮޅޫވެރިވާ މީހުންގެ އަޑުތައް ދަނީ ގަދަވަމުންނެވެ. 2020ގެ ކޮވިޑާއެކު އިތުރަށް މީހުންގެ މައްޗަށް އޮތް ކޮންޓްރޯލް އިތުރުވެފައި ވެއެވެ. އަދި މީހުންގެ ރުޅިވެރިކަންވެސް އިތުރު ވެފައި ވެއެވެ. ކޮމިއުނިސްޓް ޕާޓީއާ މެދު މީހހުންގެ ނަފްރަތަކީ ކޮންޓްރޯލް ކުރެވޭނެ އެއްޗެއް ނޫނެވެ. ޝީ ޖިންޕިންގ ވަނީ ވެރިކަމުގެ ހުރިހައި ދުވަހެއްގައިވެސް ދިމާވަމުންދާ ހާލަތު ނުރަނގަޅު ގޮތަކަށް ބައްލަވައިފައެވެ. ޗައިނާވެސް ސުލްހަވެރި ގައުމަކަށް ވުމުގެ ބަދަލލުގައި އަވަށްޓެރިންނަށް ގަނާ ކުރާ ގައުމަކަށް ވަނީ ވެފައެވެ. އެތެރޭގައިވެސް މީހުންނަށް ފާރަވެރިވުމާއި އަނިޔާ ވަނީ ޓިބެޓުން ޝިންޖިއާނުން ގޮސް ހުރިހައި ހިސާބަކަށް ފެތުރިފައެވެ. ޝީގެ ހުރިހައި ސިޔާސަތެއް ވަނީ އޭނާއާ ދެކޮޅުވެރި އެއްޗަކަށްވެފައެވެ.
ހެލެން ރޭލީގެ މި ފޮތުގައި އޭނާ ޚުލާސާކޮށްދީފައިވަނީ މިހާރުގެ ޗައިނާގެ މިހާލަތެވެ.