އަހުލީ ހަނގުރާމައެއް ފެށުމަށް ގައުމު ފައްކާވާ ގޮތް

ވޭތުވެދިޔަ ވިހި އަހަރުގެ ތެރޭގައި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިނގަމުންދާ ދާޚިލީ ހަނގުރާމަތަކުގެ ޢަދަދު ވަނީ ދެގުނައަށް އިތުރުވެފައެވެ. މި ފަހަކާ ޖެހެންދެން އަހުލީ ހަނގުރާމައާ ބެހޭ ގޮތުން ދިރާސާތަކެއް ކޮށްފައެއް ނުވެއެވެ. އެކަމަކު ވޭތިވެ ދިޔަ 70އެތައް އަހަރެއްގެ ތެރޭގައި ސަތޭކައެއްހައި އަހުލީ ހަނގުރާމަ ވަނީ ހިނގާފައެވެ.

މި ހަނގުރާމަތައް ފެށިގެން އައި ގޮތާއި އެކަމަށް މެދުވެރިވި ސަބަބުތައް ދިރާސާ ކުރާއިރު އިހު ހިނގައި ދިޔަ ސްޕްނިޝް އަހުލީ ހަނގުރާމައާ، ސޫރިޔާ ނޫނީ ލިބިޔާ، ޔަމަންގެ މިހާރުގެ އަހުލީ ހަނގުރާމައާ ދެމެދު ތަފާތެއް ނެތެވެ.

ބާބަރާ ވޯލްޓަރ އަކީ ދުނިޔޭގައި އަހުލީ ހަނގުރާމައާ ބެހޭ އެންމެ ފުންނާބު އުސް ތަޖުރިބާކާރެވެ. ޔުނިވަރސިޓީ އޮފް ކެލިފޯނިޔާގެ އިންޓަރނޭޝަނަލް ރިލޭޝަންގެ ޕްރޮފެސަރގެ ފޮތް، “ހައު ސިވިލް ވޯރސް ސްޓާޓް”އަކީ، މިއަހަރު ޝާއިއުކޮށްފައިވާ ތާޒާ ފޮތެކެވެ.

320 ސޮފްހާގެ މި ފޮތުގެ އެންމެ ފުރަތަމަ ފަތްފުތްތަކުގައި ފޮތް ފަށާފައި ވަނީ އެމެރިކާގެ ރައީސް ޓްރަމްޕްގެ ވެރިކަމުގެ ފަހުކޮޅު އެމެރިކާގެ ހުދު ހަނގުރާމަވެރިން މިޗިގަން ސްޓޭޓްގައި ސަރުކާރާ ދެކޮޅަށް ނިކުތް ގޮތާއި ކޮވިޑްގެ ފުރަބަންދާއި މާސްކާ ދެކޮޅު ހެދުމުގެ ގޮތުން މިލީޝިއާ ހަނގުރާމަވެރިން ހަރަކާތްތައް ފެށި ގޮތާއި އަދި އަހުލީ ހަނގުރާމައަކަށް ހުޅުގަނޑު ފަޅައިގެން ދާން އުޅެނިކޮށް އެފްބީއައިން އެކަން ކޮންޓްރޯލު ކުރި ގޮތުގެ ވާހަކައިންނެވެ.

ވޯލްޓަރ ވިދާޅުވަނީ، ކުރިއާ ޚިލާފަށް އަހުލީ ހަނގުރާމައާ ބެހޭ ދިރާސާތަކާއި އަހުލީ ހަނގުރާމަ ފެށުމަށް މެދުވެރިވާ ކަންކަމާ ބެހޭ ދިރާސަތަކަކީ މިހާރު އިންތިޒާމު ކުރެވިގެން ކުރެވޭ ދިރާސާއެއް ކަމަށެވެ. އަދި މިކަމާ ބެހޭ ތަޖުރިބާކާރުންގެ ސިލްސިލާ ބައްދަލުވުންތަކާއި މައުލޫމާތު އެއްކުރުންވެސް މިހާރު އިންތިޒާމު ކުރެވިފައި ވެއެވެ.

ނޯރވޭއާއި ސުއިޑްންގެ ދިރާސާ ކުރާ މަރުކަޒުތަކާއި އަޕްސާލާ ޔުނިވަރސިޓީގައި މިފަދަ ހަމަނުޖެހުންތަކާ ބެހޭ ދިރާސާތައް ފުރިހަމައަށް ކުރެވެމުންދާ ކަމަށާއި އެމެރިކާގެ ކައުންސިލް އޮން ފޮރިން ރިލޭޝަންގައި މިކަމާ ބެހޭ ބަހުސްތައް ހިނގާކަމަށް އޭނާ ވިދާޅުވެއެވެ. އޭނާއަކީ ކައުންސިލް އޮން ފޮރިން ރިލޭޝަންގެ މެމްބަރެއްވެސް މެއެވެ.

އަހުލީ ހަނގުރާމަ ފެށުމާއި އަހުލީ ހަނގުރާމައަށް ފަހިވާ ކަންކަމާ ބެހޭ ބަހުސަކީ އެކަޑެމިކް ދާއިރާގައި މިހާރު ފުޅާކޮށް ކުރެވޭ ދިރާސާއެކެވެ. ވޯލްޓަރގެ ފޮތާއެކު މި މައުޟޫއާ ގުޅުން ހުރި ދެ ޑަޒަނެއްހައި ފޮތް މިހާރު ޝާއިއުކުރެވިފައި ވެއެވެ.

ދާޚިލީ ހަނގުރާމަތަކަކީ މިއަދު ދުނިޔޭގެ ޞުލްޙައަށް އޮތް އެންމެ ބޮޑު ނުރައްކާ ކަމަށް މުސައްނިފު ވިދާޅުވެއެވެ. މިއީ މުހިންމު، ބޮޑު މައުޟޫއަކަށް އިންސާފުކުރުމަށް މަސައްކަތް ކޮށްފައިވާ މަދު ސަފްހާތަކެއް ހިމެނޭ ފޮތެކެވެ. އެހެންނަމަވެސް މި ފޮތުގައި ވަރަށް ކުރުކޮށް އަހުލީ ހަނގުރާމައަށް މެދުވެރިވާ ސަބަބުތަކާއި، އެހަނގުރާމައަކަށް ފުރުސަތު ނުދީ އެއިން ދުރުހެލިވާންވީ ގޮތަށް އަލިއަޅުވާލައްވާފައި ވެއެވެ.

މުސައްނިފު އިންޒާރު ކުރައްވާފައިވާ ގޮތުގައި އަޅުގަނޑުމެނަށް އިހުސާސް ނުކުރެވުނު ނަމަވެސް އަޅުގަނޑުމެން ދިރިއުޅެމުން މިދަނީ އެންމެ ހަމަނުޖެހުން ބޮޑު އަދި އަހުލީ ހަނގުރާމަތަކަށް އެންމެ ފަހި ޒަމާނުގައެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އާންމު ހަމަނުޖެހުންތައް ވަނީ އިންތިހާއަށް ދަށަށް ގޮސްފައެވެ. އެކަމަކު ދާހިލީ ހަނގުރާމަތައް ވަނީ އިތުރުވެފައެވެ. ހަތިޔާރު އެޅި ބަޔަކު ނިކުމެ ސިވިލިއަނުންނަށް ހަމަލަ ދީ، ސަރުކާރަކާ ދެކޮޅަށް ނިކުތުމަކީ މިހާރު މާބޮޑު ކަމަކަށް ނުވެއެވެ.

1870ގައި ދުނިޔޭގައި އެއްވެސް ގައުމެއްގައި އަހުލީ ހަނގުރާމައެއް ހިނގާފައެއް ނުވެއެވެ. 1946 ވަނަ އަހަރުން ފެށިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި 250 އަށްވުރެ ގިނަ ހަތިޔާރު އެޅި ހަނގުރާމަ ހިނގަމުން ގޮސްފައި ވެއެވެ. މިއަދަދު އަދިވެސް ދަނީ  އިތުރުވަމުންނެވެ. އިރާގާއި ސީރިއާ އަދި ލީބިޔާ ފަދަ ގައުމުތަކުގައި މިހާރު ދަނީ ދާހިލީ ބޮޑެތި ހަނގުރާމަތައް ކުރެވެމުންނެވެ. ޔޫކްރެއިން، އިންޑިއާ އަދި މެލޭޝިޔާގައި ކުދި ކުދި ދާޚިލީ ހަނގުރާމަތައް ދަނީ ހިނގަމުންނެވެ. މި ފަހު ޒޒަމާނުގައި ދުވަހަކުވެސް އަހުލީ ހަނގުރާމައެއް ތަޖުރިބާ ކޮށްފާނެ ކަމަށް ނުބެލެވޭ، އެމެރިކާ، ސްވިޑްން، އަޔަލެންޑް ފަދަ ޤައުމުތަކުގައިވެސް އަހުލީ ހަމަނުޖެހުންތަކުގެ ނިޝާންތައް ދަނީ ފެންނަމުންނެވެ.

ވޯލްޓަރއަކީ، އެމެރިކާގެ ސީއައިއޭއިން ފެށިގެން އެމެރިކާގެ ސެނެޓާ ހަމައަށް ވެރިކަމުގެ އެކި ދާއިރާތަކުގައި، ސިޔާސީ ހަމަނުޖެހުންތަކާ ބެހޭ ގޮތުން ލަފާ ދެއްވާ ބޭކަނބަލެކެވެ. އޭނާގެ ދިރާސާތަކުގެ އަލީގައި “ހައު ސިވިލް ވޯރސް ސްޓާޓް” ގައި، ދާޚިލީ ހަނގުރާމައެއް އުފެދުމަށް މަގުފަހިވާ ޝަރުޠުތައް ބަޔާން ކޮށްދެއްވާފައި ވެއެވެ.

މިހާރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޑިމޮކްރަސީތައް ދަނީ ފަހަތަށް ޖެހެމުންނެވެ. ރައްޔިތުން ދަނީ ފެކްޝަންތަކަކަށް ބައިބައި ވަމުންނެވެ. މިހާރު ކުރާ ހަނގުރާމަތައް ކުރު މުއްދަތެއްގެ ތެރޭގައި ފެށި މާ ފުޅާކޮށް މާ ދިގު މުއްދަތަކަށް ދެމިގެން ދެއެވެ.

މެކްސިކޯގެ ޒަޕަޓިސްޓާ ހަނގުރާމަވެރިންގެ އަދަދު 12 އަށް އެރީ ތިން އަހަރުގެ ތެރޭގައެވެ. ސްރީލަންކާގެ ތަމަޅައި ޓައިގަރުންގެ އަދަދު 30އަށް އެރީ ހަ އަހަރުގެ ތެރޭގައެވެ. އެފްރިކާގެ ސާހިލުގައި ހިނގަމުންދާ އިސްލާމީ ހަނގުރާމަވެރިން އެހިސާބުގެ މީހުންގެ ތެރޭގައި ބޮނދައިގެން އެތަކެއް އަހަރެން ވަންދެން ތިބެފައި މިހާރު މާލީއާއި ބުރުކިނާފާސޯއާއި ސެނެގޯލަށް އަހުލީ ހަނގުރާމައިގެ އަސަރު ވަނީ ކޮށްފައެވެ.

އެމިރކާގެ ހާލަތުގައި ވޯލްޓަރ ދެއްވާ އިރުޝާދަކީ އެހެން ގައުމުތަކަށްވެސް އިންޒާރުގެ ރަނގަބީލެކެވެ. އޭނާ ހުށަހަޅުއްވަނީ، ވޯޓުލުމުގެ ހައްގު ހިމާޔަތް ކުރުމާއި، އިންތިޚާބގެ ކެމްޕޭން ފައިނޭންސް ކުރުމުގެ ގާނޫނުތައް އިސްލާހު ކުރުމާއި، ސޯޝަލް މީޑިއާގައި ހައްދުފަހަނައަޅާ ދިއުން ހުއްޓުވުމަށް މަސައްކަތްތައް ކުރުމަށެވެ.

“ހައު ސިވިލް ވޯރސް ސްޓާޓް”އަކީ ޑިމޮކްރެސީތަކަށް ވޭކްއަޕް ކޯލެކެވެ.