ކޭމްބްރިޖުގެ އެންމެ ޒުވާން ކަޅު ނަސްލުގެ ފުރަތަމަ ޕްރޮފެސަރ

ތަޢުލީމީ ދާއިރާއިން މަތީ އިހުތިރާމަކާއި ގަދަރެއް ލިބިގެންވާ ސައިންޓިސްޓް ޖޭސަން އާޑޭ، 37 އަހަރު، ވަނީ ޔުނިވާސިޓީ އޮފް ކެމްބްރިޖްގައި ޕްރޮފެސަރގެ މަގާމަށް މިހާތަނަށް އައްޔަން ކުރާ އެންމެ ޒުވާން ކަޅު ނަސްލުގެ ޕްރޮފެސަރުގެ ލަގަބު ހޯދާފަ އެވެ. ނަމަވެސް އޭނާގެ ކާމިޔާބީގެ މަގަކީ ފަސޭހަ މަގެއް ނޫނެވެ. އެއީ އިބްރަތުން ފުރިގެންވާ ވާހަކައެކެވެ.

އުމުރުން ތިން އަހަރުގައި އޭނާގެ ހެދި ބޮޑުވުމަށް ހުރަސްއެޅި، އޯޓިޒަމްގެ ޝިކާރައަކަށް ވެފައިވާ ކަން އެނގުނެވެ. އުމުރުން 11 އަހަރު ވަންދެން އޭނާއަކަށް ވާހަކައެއް ނު ދެއްކެއެވެ. އަދި އުމުރުން 18 އަހަރު ވަންދެން އޭނާއަކަށް ލިޔަން ކިޔާކަށް ނޭނގެއެވެ.

ދެކުނު ލަންޑަނުގައި ބޮޑުވި މި ޒުވާނާ ވަނީ ކުޑައިރުގެ ބޮޑު ބައެއް ސްޕީޗް އަދި ލޭންގުއޭޖް ތެރަޕިސްޓުންނާ އެކު ހޭދަކޮށްފައެވެ. އެމީހުން އާއިލާއަށް ކިޔައި ދިނީ އެ ޒުވާނާއަށް މުޅި އުމުރަށް ދިރިއުޅުމުގައި މީހެއްގެ އެހީތެރިކަން ބޭނުންވާނެ ކަމަށެވެ. މި ގޮންޖެހުންތަކާ އެކު ވެސް އާޑޭ ވަނީ އުންމީދުތައް ފަނޑުކޮށް ނުލައި ބާއްޖަވެރިކަމުގެ ހުވަފެންތައް ބަލާފައެވެ. އޭނާގެ ނުކުޅެދުންތެރިކަމަކީ އުނގެނުމުގައި އޭނާ ހޯދަމުން ދިޔަ ކާމިޔާބީތައް ހުރަކަހަށް ނުވިއެވެ.

 

މަތީ ތަޢުލީމުގެ ދާއިރާއިން ކިޔަވައިދިނުމާއި އުގަންނައި ދިނުމުގެ ދާއިރާއިން ޕޯސްޓްގްރެޖުއޭޓް ސެޓްފިކެޓް ހާސިލްކުރުމަށްފަހު ތައުލީމީ ދާއިރާއިން ލިވަޕޫލް ޖޯން މޫރްސް ޔުނިވާސިޓީއިން ޕީއެޗްޑީ ހާސިލުކޮށް، އެ ޔުނިވަރސިޓީގައި ލެކްޗަރާއެއްގެ މަގާމު އޭނާ ފުރުއްވިއެވެ. އަދި ގްލާސްގޯ ޔުނިވަރސިޓީގައި ޕްރޮފެސަރއެއްގެ މަގާމުވެސް އަދާ ކުރެއްވިއެވެ.

އޭނާގެ މަސައްކަތުގައި ބޮޑަށް ސަމާލުކަން ދެއްވަނީ މަތީ ތައުލީމުގެ ދާއިރާ މީހުން އަތުޖެހޭ ހިސާބަށް ގެނައުމަށް ވަކާލާތު ކުރެއްވުމުގައެވެ. އަދި އާބާދީގެ ދަށު ފަންތީގެ މީހުންނަށް މަތީ ތައުލީމުގެ ފުރުސަތު ފަހި ކުރުމަށް އޭނާ ވާހަކަ ދައްކަވައެވެ.

އާޑޭ އޭނާގެ އެކަޑަމިކް ކެރިއަރު ފެށުނު ލިވަޕޫލް ޖޯން މޫރސް ޔުނިވާސިޓީއަށް ކްރެޑިޓް ދޭއިރު، ލިވަޕޫލަކީ އޭނާގެ ކާމިޔާބީގެ ބިންގާ ކަމަށް ސިފަ ކުރައްވައެވެ. އެ ޔުނިވާސިޓީން އިންތިޒާމު ކުރި 2021 ވަނަ އަހަރުގެ ނޮވެމްބަރު މަހު އޮތް ކަޅު ދަރިކޮޅުގެ މީހުންގެ ތާރީޚު ފާހަގަ ކުރާ މަހުގެ ހަރަކާތުގައިވެސް އޭނާ ތަގްރީރު ކުރެއްވިއެވެ.

އޭނާގެ ކުރީގެ ސުޕަވައިޒަރު ޕްރޮފެސަރު ފިލް ވިކަރމަން ސިފަކުރައްވާ ގޮތުގައި އާޑޭ އަކީ “ތަފާތު ގެނައުމަށް ޝައުގުވެރިކަމެއް ބަހައްޓާ އެކަމަށް ހިތްވަރާއި އަދި އަޒުމެއް” ހުރި ގައުމީ އަދި ބައިނަލްއަގްވާމީ ފެންވަރުގައި އިހުތިރާމެއް ލިބިފައިވާ ޒުވާނެކެވެ.

ކެމްބްރިޖް ޔުނިވާސިޓީގައި ޕްރޮފެސަރަކަށް އޭނާ އައްޔަން ކުރުމަކީ ޖަމާއަތުގައި ފުރުސަތު ނުލިބޭ ފަންތީގެ އެހެން މީހުންނަށް މަތީ ތައުލީމު ހޯދުމަށް ކުރިއެރުމަށް އެޅޭ ބާރެއްކަމަށް އާޑޭ އުންމީދު ކުރައްވައެވެ.

އުމުރުން 37 އަހަރުގެ އާޑޭ ވަނީ މިހާތަނަށް ޔުނިވާސިޓީ އޮފް ކެމްބްރިޖްގެ ތާރީހުގައި ރަޖިސްޓްރީ ކޮށްފައިވާ އެންމެ ޒުވާން ކަޅު ނަސްލުގެ ޕްރޮފެސަރަށް ވެފައެވެ. އޭނާ މާޗް މަހުގެ ހަ ވަނަ ދުވަހު އެ ޔުނިވާސިޓީގެ ފެކަލްޓީ އޮފް އެޑިއުކޭޝަންގެ ޕްރޮފެސަރ އޮފް ސޯޝިއޮލޮޖީ އޮފް އެޑިއުކޭޝަންގެ މަގާމާ ހަވާލުވާނެއެވެ.