ބަނގްލަދޭޝްގެ ހަމަނުޖެހުންތައް އުފެއްދީ އިދިކޮޅުން ކަމަށް ބުނެެފި

ބަނގްލަދޭޝްގައި ޒުވާނުންނަށް ފުރުސަތު ހަނިވާ ގޮތަށް، މިނިވަންކަމުގެ ހަނގުރާމައިގައި ބައިވެރިވި ޢާއިލާތަކަށް ސަރުކާރުގެ ވަޒީފާތަކުގެ ބޮޑު ނިސްބަތެއް ހަމަޖެއްސުމުން އުފެދުނު ހަމަނުޖެހުންތަކުގައި ފުލުހުން ވަނީ ރައްޔިތުންނާ ދެކޮޅަށް ދިރޭ ވަޒަން ބޭނުންކޮށްފައެވެ. އަދި އދގެ އުޅަނދުތައް ބޭނުން ކުރުމުން އެމައްސަލަ ބެލުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ބަނގްލަދޭޝްގެ ވެރިކަން ކުރާ އަވާމީ ލީގާއި އެފަރާތަށް ތާއީދުކުރާ ފަރާތްތަކުން ބުނާ ގޮތުގައި މި ހަމަނުޖހުންތައް ހިނގަން ފެށީ މިހާރު މަނާކޮށްފައިވާ އިދިކޮޅު ޕާޓީ ބަނގްލަދޭޝް ނޭޝަނަލިސްޓް ޕާޓީއާއި މަނާކޮށްފައިވާ ޖަމާޢަތޭ އިސްލާމީން ގުޅިގެން ހިންގި ރޭވުމެއްގެ ތެރޭން ކަމަށެވެ.

ހަމަނުޖެހުންތައް ހިނގަން މެދުވެރިވީ މިނިވަންކަމުގެ ހަނގުރާމައިގައި ބައިވެރިވި މީހުންގެ ޢާއިލާތަކަށް ސަރުކާރުގެ ވަޒީފާތަކުގެ 30 ޕަސެންޓް ހަމަޖެއްސުމުންނެވެ. ނަމަވެސް ސުޕްރީމް ކޯޓުން ވަނީ ހަމަނުޖެހުން އުފެދުމުން އަމިއްލައަށް އިސްނަގައިގެން މައްސަލަ ބަލައި، އާންމުން އެދުނު ގޮތަށް އެޢަދަދު 5 ޕަސެންޓަށް ކުޑަ ކޮށްފައެވެ.

ފުލުހުން ވަނީ މިދިޔަ ހަފްތާގައި ބީއެންޕީގެ އޮފީހެއް ރެއިޑްކޮށްފައެވެ. އެތަނުން ބައެއް ހަތިޔާރާއި ޕެޓްރޯލް ބޮމާއި ޕެޓްރޯލު ފުޅިތައްވެސް ފެނިފައި ވެއެވެ. އަދި އެޕާޓީއަށް ނިސްބަތްވާ 6 މީހަކުވެސް ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ.

ސަރުކާރަށް ސަޕޯޓު ކުރާ ފަރާތްތަކުން ވަނީ ބޭރުގެ ދެ އެމްބަސީއެއްގެ މަސްއޫލުވެރިންވެސް މި ހަމަނުޖެހުމަށް ހިތްވަރު ދިން ކަމަށް ތުހުމަތުކޮށްފައެވެ. އަދި އެ ދެ އެމްބަސީގެ މަސްއޫލުވެރިން ބީއެންޕީގެ ބައެއް އިސްފަރާތްތަކާ އެއްކޮށް ބައްދަލު ކުރިކަމަށް ވެސް ތުހުމަތުކޮށްފައި ވެއެވެ.