ޗައިނާގައި ކުކިންގ އޮއިލް ގަޑުބަޑު ކުރި މައްސަލައެއް ބަލަން ފަށައިފި

ކެމިކަލްއާއި ޕެޓްރޯލު އުފުލާން ބޭނުން ކުރާ ޓޭންކެއްގައި ކުއިން އޮއިލް އުފުލިކަން ހާމަވުމުން، ޗައިނާގައި މީހުން ވަނީ ރުޅިވެރިކަން ފާޅުކޮށްފައެވެ. ކާނާގައި އެހެން ބާއްވަތްތައް މައްސުނި ކުރާކަމަށް ޝައްކު ކުރެވޭ ޗައިނާގައި ދޭތެރޭދޭތެރެން މިފަދަ ކަންކަން ފެންމަތި ވެއެވެ. ސަރުކާރު ނޫހެއްކަމަށްވާ ބެއިޖިން ނިއުސް އިން ރިޕޯޓު ކުރިގޮތުގައި މިކަމަކީ ޗައިނާގައި އެންމެން ދަންނަ ބޮޑު ސިއްރެކެވެ. ބެއިޖިންގ ނިއުސްއިން ހޯދި ހޯދުންތަކުން އެނގުނީ، ކައްކަން ބޭނުން ކުރާ ކުނިންގ އޮއިލް އެ ޓޭންކަރުތަކުގައި އުފުލަނީ ތެޔޮ އުފުލުމަށްފަހު އެދެވޭ މިންވަރަށް ޓޭންކު ސާފު ކުރުމަކާ ނުލައެވެ.

މި ލޮރިތައް ދުއްވާ މީހުންނާ އެނޫހުން ކުރި އިންޓަރވިއުގައި ބުނެފައި ވަނީ، ވާދަވެރިކަން އިތުރުވެފައި ވުމާއެކު އާމްދަނީ ދަށްވުމުން އެފަދަ ގޮތަށް އަމަލު ކުރަން މަޖުބޫރު ވެފައިވާ ކަމަށެވެ. ބެއިޖިންގ ނިއުސްއާ ވާހަކަ ދެއްކި، ފުޑް ސައިންސްގެ މާހިރު ޒޫ ޔީއާ ބުނެފައި ވަނީ ކުކިންގ އޮއިލްއާއި ކެމިކަލް ހިމެނޭ ތެޔޮ އެއްކޮށްލުމުން، ހަށިގަނޑުގައި ދިގު މުއްދަތަކަށް ވިހަ މާއްދާއެއް އުފެދި އަށަގަންނާނެ ކަމަށެވެ. ޗައިނާ ސަރުކާރުން ވަނީ މި މައްސަލަ ތަޙުޤީޤު ކުރާނެ ކަމަށް ބުނެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީފައެވެ.

ޗައިނާގައި ދިމާވެފައިވާ ކާނާ ގަޑުބަޑު ކުރުމުގެ މައްސަލަތަކާ ގުޅިގެން، ބެއިޖިން އިން ވަނީ މިދިޔަ އަހަރުތަކުގައި ކާބޯތަކެތީގެ ރައްކާތެރިކަމުގެ ޤަވާޢިދުތައް ހަރުކަށިކޮށް އާންމުންގެ އިތުބާރު ހޯދުމަށް ފިޔަވަޅުތަކެއް އަޅާފައެވެ.

މިފަދަ މައްސަލަތައް އާދަވެގެން ޗައިނާގައި ފެނިގެން ދެއެވެ. ޗައިނާގައި 2008 ވަނަ އަހަރު ތުއްތު ކުދިންނަށް ދޭ ކިރުގެ ތެރެއަށް އެހެން މާއްދާތައް މައްސުނިކޮށް ގަޑުބަޑު ކުރުމުން 6 ކުދިން މަރުވެ، އެތައްހާސް ކުދިން ބައްޔާ ކުރިމަތިލާން ޖެހުނެވެ.

ޔޫރަޕިއަން ޔޫނިއަން، އޮސްޓްރޭލިއާ، ކެނެޑާ، އިންޑިއާ، އެމެރިކާ އަދި އިނގިރޭސިވިލާތުގެ އިތުރުން ޗައިނާއިން މާމުއި އެތެރެ ކުރެއެވެ. އެފަރާތްތަކުން ވަނީ މާމުއިގައި އުއްދަނޑި ދިޔައާއި ކޯން ސިރަޕްފަދަ މާއްދާތައް އެއްކޮށްފައި ހުރުމުން ޗައިނާއަށް ކާނާގެ ސަލާމަތަށް އިތުރު ފިޔަވަޅުތައް އެޅުމަށް އިންޒާރު ދީފައެވެ.