ޗައިނާގައި ކައިވެނި ކުރާ ނިސްބަތް ދަށްވެފައިޥާ ކަމަށް ޗައިނާގެ ސިވިލް މިނިސްޓްރީގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކައެވެ. 2024 ވަނަ އަހަރުގެ ފުރަތަމަ އަދި ދެވަނަ ކުއާޓަރުގައި ޗައިނާގައި ކައިވެނި ކުރާ ނިސްބަތް 2013 ވަނަ އަހަރަށް ފަހު ބޮޑު ކޮށް ދަށްވެގެން ދިޔައީ، އިޤްތިޞާދު ހީނަރުވެގެން ދިއުމާ ގުޅިގެންނެވެ. ރިޕޯޓްތައް ބުނާ ގޮތުން ޚަރަދު ބޮޑު ވެގެން ދިއުމުން، ޒުވާނުން ކައިވެނި ފަސްކުރަން ފަސްޖެހެއެވެ.
ރަސްމީ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ޗައިނާގައި ކޮށްފައި ވަނީ 3.43 މިލިއަން ކައިވެންޏެވެ. އެޢީ 2023ގެ މި މުއްދަތުގައި ކޮށްފައިވާ ކައިވެނީގެ ނިސްބަތުން، 498،000 ހާސް މަދު ޢަދަދެކެވެ. މިއީ 2013ގެ ފަހުން އެހައި ދަށްކޮށް ކައިވެނިތައް ރެކޯޑް ކުރެވުނު ފުރަތަމަ ފަހަރެވެ.
ޗައިނާ ސަރުކާރު ނޫސް، ގްލޯބަލް ޓައިމްސް އިން ރިޕޯޓްކުރާ ގޮތުގައި 2024 ވަނަ އަހަރު ނިމޭއިރު، ކައިވެނި ރަޖިސްޓްރީ ކުރާ މީހުންގެ ޢަދަދު 1980 ވަނަ އަހަރަށް ފަހު ފުރަތަމަ ފަހަރަށް، ރެކޯޑް މިންވަރަކަށް ދަށްވެގެން ދާނެއެވެ.
ސިވިލް މިނިސްޓްރީގެ ތަފާސް ހިސާބުން ފުރަތަމަ އަދި ދެވަނަ ކުއާޓާގައި ކޮށްފައިވާ 3.43 މިލިއަން ކައިވެނި ރިޕޯޓު ކުރިއިރު، 1.27 މިލިއަން ވަރި ރެކޯޑް ކޮށްފައިވާ ކަމަށްވެސް ބުނެފައި ވެއެވެ.