އީރާންގެ މަހްސާ އަމީނީއާއި އެމެރިކާގެ ފްލޮއިޑާއި ދެމެދު ސިޔާސީ އިސްލާޙުތައް

އެމެރިކާގައި ފުލުހުންގެ އަނިޔާވެރިކަމުގައި މަރާލާފައިވާ ކަޅު ނަސްލުގެ އެތައް ބަޔެއްގެ ތެރޭން ޖޯޖު ފްލޮއިޑަކީ އެންމެ ނަމެކެވެ. 2020ގައި އޭނާގެ ކަރަށް ފިއްތާލައި މަރާލުމުގެ ހާދިސާގެ ސަބަބުން އެމެރިކާއާއި ދުނިޔޭގައި އެމެރިކާގެ އިންސާނީ ޙައްޤުގެ ނާޒުކަން ބޭޒާރުވެގެން ދިޔައެވެ. ދުނިޔޭގެ ކަންކޮޅުތަކުގައި މުޒާހަރާތައް ބޭއްވިއެވެ. ރޮޑްނީ ކިންގަކީވެސް އެމެރިކާ ފުލުހުން މަރާލި ކަޅު ނަސްލުމުގެ މީހެކެވެ. އެތައް ހާސް ނަންތަކުގެ ތެރޭން އެއީވެސް ނަމެކެވެ. ރަހުމް ކުޑަ މަރުތަކެކެވެ.

އީރާނުގައިވެސް ސަލާމަތީ އިދާރާގެ އަނިޔާވެރިކަމުން މަރާލެވު އެކަމަކީ މަހްސާ އަމީނީއެވެ. އީރާންގައި ދިމާވި ޖޯޖް ފްލޮއިޑް ވައްތަރުގެ ހާދިސާއެކެވެ.

މަހްސާ އަމީނީގެ މަރާގުޅިގެން އިޞްލާހަށް އެދިގެން މީހުން މުޒާހަރާ ކުރިތަން މީސްމީޑިއާއިން ފެނިގެން ދިޔައެވެ. އެ މުޒާހަރާތައް އެކުވެފައި ވަނީ ޒުވާނުން ބޭނުންވާ އިތުރު ފުރުޞަތުތަކާއި އިޤްތިޞާދީ ފުދުންތެރިކަމާއެވެ. ބުރުގާ އެޅުމުގެ މައްސަލައަށް ލުޔެއް ހޯދުމަކީވެސް އޭގެ ބައެކެވެ.

މަހްސާ އަމީނީގެ މަރަށްފަހު، ބާއްވާފައިވާ ރިއާސީ އިންތިޚާބަކީ، މަސްޢޫދު ޕާޒެޝްކިޔާން  ކާމިޔާބު ކުރެއްވި އިންތިޚާބެވެ.  ޕާޒެޝްކިޔާނަކީ އިޞްލާޙީ ވިސްނުމުގެ ބޭފުޅެކެވެ. އީރާނުގެ ރިއާސީ އިންތިޚާބަށް ކުރިމަތިއްވި ބޭފުޅުންގެ ތެރޭން އީރާނުގެ ދީނީ މުރުޝިދު އަދި ޤައުމުގެ ކަންކަމަށް ފާރަވެރިވާ މަޖިލީހުން ރުހުން ދެއްވީ 6 ބޭފުޅަކަށެވެ. އޭގެ ތެރޭގައި ހިމެނިވަޑައިގަތް މެދުމިނުގެ ބޭފުޅަކީ، ބަޒެކްޝިޔާނެވެ.

އީރާނުގެ އެތެރޭގެ ހަމަނުޖެހުން ނަގާލުމަށް އެމެރިކާއާއި ޒަޔަނިސްޓުން ތާއަބަދު މަސައްކަތް ކުރަމުން ދެއެވެ. އަދި އީރާނުގެ ދާޚިލީ ސަލާމަތާ އެއްވަރަކަށް ޚާރިޖީ ސަލާމަތަށް ކޮންމެ ދުވަހަކު އެޤައުމުން ފާރަވެރިވަމުން ދެއެވެ. އީރާނަށް ދިމާވާ ސަލާމަތީ ނުރައްކާތަކީ އީރާން ދެމިއޮތުމަށް ކުރިމަތިވާ ކޮންމެ ދުވަހެއްގެ ގޮންޖެހުންތަކެވެ.

ޒަޔަނިސްޓު ބާރުތަކުން ވަނީ މަހްސާ އަމީނީ ނިވާފަތްގަނޑަކަށް ދައްކައިގެން އީރާންގެ އެތެރޭގެ ހާލަތު ކައްކުވާލުމަށް މަސައްކަތް ކޮށްފައެވެ. އެ ހާދިސާއާއި ޖޯޖު ފްލޮއިޑްގެ ހާދިސާއާ އަޅައިކިޔައިފިނަމަ، މަހްސާ އަމީނީގެ މައްސަލާގައި ނިކުތް މީހުންގެ ޢަދަދު ނިސްބަތުން މާދެވެ.

ޝައްކެތް ނެތް ގޮތުގައި ޕާޒެޝްކިޔާން އިޞްލާހަށް މަސައްކަތް ކުރައްވާނެއެވެ. އޭނާގެ އިޞްލާޙީ އެޖެންޑާއަކީ ހުޅަނގުން ބޭނުންވާ އެމީހުން އިމްލާ ކޮށްދޭ އެޖެންޑާއެއް ނޫނެވެ. އޭނާގެ އިޞްލާޙީ އެޖެންޑާއަކީ އީރާނުގެ ޝީޢީ އިމާމިއްޔާ ވެރިކަމުގެ ނިޒާމުގެ ގިއުގަނޑުގެ ތެރޭން ގެނެވޭ އިސްލާޙުތަކަކަށް ވާނެއެވެ. އެއީ ހުޅަނގުން ބޭނުންވާ ގޮތަށް ބުރުގާ ބޭލުމަށް ނޫނީ އެއްޖިންސުން ގުޅުން ހިންގުން ހުއްދަ ކުރުމަށް ގެނެވޭ އިޞްލާޙުތަކަކަށެއް ނުވާނެއެވެ. އީރާންގެ ރައީސްގެ އެންމެ އިސް ވާޖިބެއްކަމުގައި ވިދާޅުވެފައި ވަނީ އީރާނުގެ ދިފާޢީ ޤާބިލުކަން އިތުރު ކުރެއްވުމެވެ. އަދި އިޤްތިޞާދީ އިޞްލާޙުތަކާއެކު ޕާޒެޝްކިޔާން ތަފާތެއް ދައްކަވާނެކަން ވެސް ޔަޤީނެވެ. އޭނާގެ ކުރީގެ ރައީސް އިބްރާހިމް ރައީސީއަކީ، ދަންނަބޭކަލުންގެ ފަންތީގެ ބޭފުޅެކެވެ އަދި އޭނާއަކީ ކުރީގެ އުއްތަމަ ފަނޑިޔާރެވެ. އެއާ ޚިލާފަށް ޕާޒެޝްކިޔާނަކީ، ހިތުގެ އޮޕަރޭޝަންތައް ކުރެއްވުމަށް މާހިރު ޑޮކްޓަރެކެވެ.

ނަސްލީ ތަފާތުކުރުމަށް މަޝްހޫރު ދޮން ޕޮލިހަކު ޖޯޖް ފްލޮއިޑްގެ ކަރަށް ފައިން އަރައި އޭނާ މަރާލުމުން އެމެރިކާއާއި ދުނިޔޭގެ ކަންކޮޅުތަކުގައި އެމެރިކާގައި އިންސާނީ ޙައްޤަށް އިޙުތިރާމުކޮށް ކުލައިގެ މީހުންނަކީ އިންސާނުންކަމަށް ބަލައިގެން އެމީހުންގެ ޙައްޤަށް އިޙުތިރާމު ކުރުމަށް ގޮވާލުން އިތުރުވެގެން ދިޔައެވެ. އެ ޙާދިސާއިން އެމެރިކާގެ ނަސްލީ ތަފާތުކުރުމާއި ކުލައިގެ މީހުންނާ މެދު ގެންގުޅޭ އަނިޔާވެރި ސިޔާސަތަށް މިއަދާ ހަމައަށް މާބޮޑު ބަދަލެއް އައިސްފައެއް ނުވެއެވެ.

އީރާނުގައިވެސް އެތެރޭގެ ސިޔާސަތު ހިނގަމުންދާނީ އެބީދައިންނެވެ. އީރާނުގެ ގިނަ މީހުންނަކީ އަދިވެސް ޝިޢީ މަޒްހަބު ޤަބޫލުކޮށްގެން ތިބި ބައެކެވެ. އަދި އެމީހުން ތަބާވާނީ އެމީހުންގެ މަޒުހަބު ނިޔާކުރާ ގޮތުން އެމީހުންގެ އާބަދީތަކުގެ އެންމެ އިސް ރޫޙާނީ ލީޑަރަށެވެ.