އަބޫ ސަޢީދު މަރާލި މައްސަލަ ތަޙުޤީޤު ކުރަނީ:
ޢުމުރުން 25 އަހަރުގެ އަބޫ ސަޢީދުގެ ގަޔަށް ބަޑިޖަހައި މަރާލާފައި ވަނީ އޭނާ ކިޔަވަމުން ދިޔަ، ޔުނިވަސިޓީގެ ކުރިމަތީގައެވެ. ޑާކާގެ ބޭގަމް ރަޒިއްޔާ ޔުނިވަރސިޓީގެ އިނގިލިޝް ޑިޕާޓްމަންޓުގައި ކިޔަވަމުން ދިޔަ އަބޫ ސަޢީދު (ފޮޓޯގައި) އަކީ ކިޔަވާ ކުދިން، ކޯޓާއާ ދެކޮޅަށް ފެށި މުޒާހަރާގައި މަރާލާފައިވާ މީހުންގެ ތެރޭން އެންމެ މަޝްހޫރު އެކަކެވެ.
ބަނގްލަދޭޝްގެ ވަޤުތީ ސަރުކާރާ ޙަވާލުވުމަށް ޑރ. މުޙައްމަދު ޔޫނުސް ޤައުމަށް ވަޑައިގެން އެއާޕޯޓުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އަސަރާއެކު އަބޫ ސަޢީދު މަރާލި ޙާދިސާ ހަނދާނަށް ގެންނެވިއެވެ.
ޑާކާގެ ކޯޓަކުން ވަނީ ބަނގްލަދޭޝްގެ ކުރީގެ ބޮޑު ވަޒީރު ޝެއިޚު ހަސީނާއާއީ އޭނާގެ ޕާޓީގެ ލީޑަރަކާއި ފުލުހުންގެ އިސްފަރާތްތަކާ ދެކޮޅަށް މައްސަލަ ބެލުމަށް ފުލުހުންނަށް އިއްޔެ އަމުރު ކޮށްފައެވެ. ކޯޓުން އަމުރު ނެރެފައިވަނީ އަބޫ ސަޢީދަށް ހެޔޮ އެދޭ ފަރާތަކުން ހުށަހެޅި ދަޢުވާއަކާ ގުޅިގެންނެވެ.
އެ ދަޢުވާގައި މަޝްހޫރު ނޫން އެތައް އެހެން ފަރާތެއްގެ ނަންތައްވެސް ހިމަނާފައި ވެއެވެ.
އަބޫ ސަޢީދު ވަނީ ސަރުކާރާ ދެކޮޅަށް ނިކުތުމުގެ ރަމްޒަކަށްވެފައެވެ. އޭނާގެ ހަނދާނުގައި ޓީޝާޓު ހަދާފައިވެސް ވެއެވެ.
ޙަސީނާ ނެރުއްވި ފުރަތަމަ ބަޔާން:
ބަނގްލަދޭޝްގެ ހަމަނުޖެހުންތަކުގައި މަރުވި މީހުންގެ ހަނދާން އޯގަސްޓް 15ގައި އާލާކުރުމަށް ޙަސީނާ ގޮވާލައްވައިފި. ސިޔާސީ ޙިމާޔަތުގައި އިންޑިއާގައި ހުންނަވައިގެން ހަސީނާ ދެއްވި ފުރަތަމަ ބަޔާނުގައި ވަނީ މީހުން މެރުމާއި ހުޅު ޖެހުން ކުށްވެރިކުރައްވައި، އެކަން ކުރި ފަރާތްތައް ހޯދައި އެކަންކަން ތަޙުޤީޤު ކުރުމަށް ގޮވާލައްވަފަ.
ހަސީނާގެ ބަޔާން އޭނާގެ ދަރިފުޅު ވަނީ ފޭސްބުކްގައި ޕޯސްޓުކޮށްފަ.
ހައްޔަރުކޮށްފި:
ޙަސީނާގެ ކުރީގެ އެޑްވައިޒަރު ސަލްމާން ރަޙުމާންއާއި ލޯ މިނިސްޓަރ އަނީސުލް ޙައްޤު ހައްޔަރުކޮށްފިއެވެ. އެބޭފުޅުން ހައްޔަރުކޮށްފައި ވަނީ ޤައުމުން ފިއްލަވައިގެން ވަޑައިގަންނަވަން އުޅުއްވުމުގެ ތެރޭގައެވެ.
ޝެއިޚު މުޖީބު އަވަހާރަކޮށްލި ދުވަސް ފާހަގަ ނުކުރަން ނިންމައިފި:
ބަނގްލަދޭޝްގެ ވަގުތީ ސަރުކާރުން ވަނީ ބަންގްލަދޭޝްގެ މިނިވަންކަމުގެ ބަޠަލް ޝެއިޚު މުޖީބުއްރަޙުމާން އަވަހާރަކޮށްލި ދުވަސް 15 އޮގަސްޓަކީ، ޤައުމީ ބަންދު ދުވަހެއް ނޫންކަމަށް ކަނޑައަޅާފަ. ކިޔަވާކުދިންވެސް ވަނީ އެކަމަށް އެދިފަ.
ހަމަނުޖެހުމުގައި މަރުވި މީހުންގެ ލިސްޓު އެކުލަވާލަނީ:
ބަނގްލަދޭޝްގެ ސަރުކާރާ ދެކޮޅަށް ނިކުތުމުން މަރުވި މީހުންނާއި އަނިޔާވެ ގެއްލުންވި މީހުންގެ ލިސްޓެއް އެކުލަވާލުމަށް ވަގުތީ ސަރުކާރުން ނިންމައިފި. އަދި އެމީހުންނަށް ބަދަލު ދޭނެ ސިޔާސަތެއް އެކުލަވާލާނެ ކަމަށްވެސް ބުނެފި.
މަރުކަޒީ ބެންކުގެ އައު ގަވަރުނަރް:
ބަނގްލަދޭޝް ސަރުކާރުން ވަނީ ވޯލްޑް ބެންކުގެ ކުރީގެ އެޑްވައިޒަރު، އަޙުސަން މަންސޫރު މަރުކަޒީ ބެންކުގެ ގަވަރުނަރުގެ މަޤާމަށް ހަމަޖައްސާފަ. އުމުރުން 72ގެ މަންސޫރު މަޤާމަށް އައްޔަން ކުރިއިރު އޭނާގެ ޢުމުރު ދޮށީ ވާތީ ވަގުތީ ސަރުކާރުން ވަނީ އުސޫލަށް ބަދަލު ގެނަސްފަ.
ބަނގްލަދޭޝްގެ ދަރަންޏަކީ މައްސަލައެއް ނޫން: ވޯލްޑް ބެންކު
ވޯލްޑް ބެންކުން ބުނެފައި ވަނީ ބަނގްލަދޭޝްގެ ދަރަންޏަކީ މައްސަލައެއް ނޫން ކަމަށެވެ. ވޯލްޑު ބެންކުން ވަނީ އެޤައުމުގައި ވަޒީފާ އުފެއްދުމަށް އިތުރަށް އިންވެސްޓް ކުރާނެ ކަމަށް ބުނެފައވެ.
ހަސީނާ ހުންނަވަނީ އިންޑިއާގައި:
ޝެއިޚު ހަސީނާ ޔޫކޭގެ ސިޔާސީ ޙިމާޔަތަށް އެދިވަޑައިގެންފައި ނުވާ ކަމަށާއި އޭނާ “އަދި” ހުންނަވާނީ އިންޑިއާގައި ކަމަށް އޭނާގެ ކޮއްކޮ، ރީޙާނާ، ޑާކާގެ ނޫހަކާ ދެއްވި ބަސްދީ ގަތުމެއްގައި ވިދާޅުވެއެވެ.
ނޫސްވެރިންގެ ލިސްޓު އެކުލަވާލައިފި:
ކިޔަވާ ކުދިންގެ މޫވްމެންޓުން ވަނީ، ޙަސީނާގެ އަވާމީ ލީގަށް ތާއީދު ކުރާ ނޫސްވެރިންގެ ލިސްޓެއް އެކުލަޥާލާފައެވެ. އެލިސްޓުގައި ހިމެނިފައިވާ އެއް ނޫސްވެރިއަކީ، ނިއު ދިއްލީގައި ހުންނަ ބަނގްލަދޭޝް ހައިކޮމިޝަންގެ ޕްރެސް ސެކްރެޓަރީ ޝަހްބާން މަޙޫމޫދުއެވެ. ވަގުތީ ސަރުކާރުން ނެރުނު ބަޔާނެއްގައި އޭނާގެ ކޮންޓްރެކްޓު އުވާލާފައިވާ ކަމަށް އިއުލާން ކޮށްފައި ވެއެވެ.
އިދިކޮޅު ލީޑަރަށް ފުލުހުންގެ ޙިމާޔަތް:
ބަނގްލަދޭޝް ނޭޝަނަލިސްޓް ޕާޓީގެ ލީޑަރު ޚާލިދާ ޒިޔާއަށް ފުލުހުންގެ ޙިމާޔަތް ދިނުމަށް ވަގުތީ ސަރުކާރުގެ ހޯމް މިނިސްޓްރީން ނިންމައިފިއެވެ. އޭނާއަށް ފުލުހުންގެ ޙިމާޔަތް ލިބިވަޑައި ނުގަންނަވާތާ 10 އަހަރު ވެއްޖެއެވެ.
ޖާސޫސީ އިދާރާގެ ވެރިޔާގެ ކޮރަޕްޝަން:
ބަނގްލަދޭޝްގެ ޖާސޫސީ އިދާރާގެ ވެރިޔާގެ ކޮރަޕްޝަން މައްސަލަތައް ބަލަން އޭސީސީން ފަށައިފިއެވެ.