ވަޒީފާ ދޭފަރާތާއި މުވައްޒަފާ މެދު، ކޮންޓްރެކްޓްގައި އެއްބަސްވެފައިވާ ގޮތަށް ޔޫއޭއީގެ ފައިސާ އާއި ކްރިޕްޓޯ ކަރަންސީން މުސާރައާ ޢިނާޔަތްތައް ދިނުމަށް ދުބާއީގެ ކޯޓަކުން މި ހަފްތާގައި ޙުކުމް ކޮށްފައެވެ. މިއީ ކްރިޕްޓޯ ކަރަންސީން މުސާރަ ދިނުމަށް އަމުރު ކުރި ފުރަތަމަ ޙުކުމެވެ.
މި ދަޢުވާއަކީ، ނުޙައްޤުން ވަޒީފާއިން މުވައްޒަފަކު ކަނޑާލައިގެން ކުންފުންޏާ ދެކޮޅަށް އޭނާ އުުފުލި ދަޢުވާއެކެވެ.
ދުބާއީގެ އިބްތިދާއީ ކޯޓަކުން 2024 ވަނަ އަހަރުގެ ޤަޟިއްޔާ ނަންބަރު 1739 ގައި ކޮށްފައިވާ މި ޙުކުމަކީ، މާލީ ނިޒާމަށް އަންނަމުންދާ ބަދަލުތަކަށް ކޯޓުތައް ހޭނި ފައްކާވަމުންދާ ކަން ދައްކުވައިދޭ ކަމެއް ކަމަށް ބުނެ ޤާނޫނީ ދާއިރާގެ ފަރާތްތަކުން އެޙުކުމަށް ތަޢުރީފް ކޮށްފައި ވެއެވެ.
މުވައްޒަފާއެކު ކޮށްފައިވާ ޢަޤްދުގައި ބަޔާން ކޮށްފައި ވަނީ، މުސާރައާއި ޢިނާޔަތްތައް، ޔޫއޭއީގެ ދިރުހަމްއާއި ކްރިޕްޓޯގެ ވައްތަރެއް ކަމަށްވާ އީކުއޭޓް ޓޯކަން އިން ދޭންވާނެ ކަމަށެވެ.
ޔޫއޭއީގައި ކްރިޕްޓޯ މުޢާމަލާތް ހިންގާ ތިންހާނެއްހައި ކުންފުންޏެއްގައި އެތައް ހާސް މުވައްޒަފުން ގެންގުޅެއެވެ. އަދި ބިން ގަތުމާއި، ތަންތަން ކުއްޔައް ހިފުމުގައިވެސް ކްރިޕްޓޯއިން މުޢާމަލާތް ހިންގުމަކީ ޔޫއޭއީގައި ޢާންމު ކަމެކެވެ.