އަރަބިންގެ ފުރަތަމަ ނިއުކްލިއަރ ރިއެކްޓަރުން ހަކަތަ އުފައްދަން ފަށައިފި

ޢަރަބި ޤައުމެއްގައި ބިނާކޮށް ނިމުނު ފުރަތަމަ ނިއުކްލިއަރ ރިއެކްޓަރ ގެ މަސައްކަތް ނިންމާލައި ބޭނުން ކުރަން ފަށައިފިއެވެ. މިއީ އަރަބިންގެ ދުނިޔޭގައި ހަކަތައިގެ ދާއިރާގައި ބޮޑު ކާމިޔާބީއެއް ކަން ފާހަގަކޮށްލެވެއެވެ. އެމިރޭޓްސް ނިއުކްލިއާ އެނާޖީ ކޯޕަރޭޝަން (އީއެންއީސީ) އިން އިޢުލާންކޮށްފައިވާ ގޮތުގައި އަބޫދާބީގައި ހުންނަ ބަރަކާ ނިއުކްލިއާ އެނާޖީ ޕްލާންޓްގެ ހަތަރު ވަނަ އަދި އެންމެ ފަހު ރިއެކްޓަރު މިހާރު ވަނީ ފުރިހަމައަށް ބޭނުން ކުރަން ފަށާފައެވެ.

މި ޕްލާންޓުން މަސައްކަތް ފެށުމާއެކު ބަރަކާއިން އަހަރަކު 40 ޓެރަވޮޓް ގަޑިއިރުގެ ކަރަންޓް އުފައްދައި ދޭނެއެވެ. މިއީ ޔޫއޭއީއަށް ބޭނުންވާ ކަރަންޓުގެ 25 އިންސައްތަ އެވެ. މިޕްލާންޓުން އުފައްދާ ހަކަތައަކީ، ނިއުޒީލެންޑުން އަހަރަކު ބޭނުންކުރާ މިންވަރާ އެއްވަރުގެ ހަކަތަ އެވެ.

މި ޕްލާންޓުން ކަރަންޓް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ އަބޫދާބީ ނޭޝަނަލް އޮއިލް ކޮމްޕެނީ، އެމިރޭޓްސް ސްޓީލް، އަދި އެމިރޭޓްސް ގްލޯބަލް އެލްމިނިއަމް ފަދަ ބޮޑެތި ކުންފުނިތަކަށެވެ.

ބަރަކާ ޕްލާންޓުގެ މަސައްކަތް ފެށީ 2020 ވަނަ އަހަރު ފުރަތަމަ ރިއެކްޓަރުގެ މަސައްކަތް ފެށުމާ އެކުގަ އެވެ. އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އެޖެންސީން ލަފާކޮށްފައިވާ ގޮތުގައި މި ޕްލާންޓުން ކަރަންޓު އުފެއްދުން ހުއްޓާލާނީ މީގެ 60 ނޫނީ 80 އަހަރު ފަހުންނެވެ.

އޯޕެކްގައި ހިމެނޭ ތެޔޮ އުފައްދާ މުހިންމު ގައުމެއް ކަމަށްވާ ޔޫއޭއީން 2050 ވަނަ އަހަރުގެ ނިޔަލަށް އެޤައުމަށް ހަކަތަ ބޭނުންވާ މިންވަރުގެ ދެބައިކުޅަ އެއްބައި ހަކަތަ އިއާދަ ކުރަނިވި ހަކަތައިން ފުއްދުމަށް ސްޓްރެޓެޖީއެއް ވަނީ އެކުލަވާލާފައެވެ.

ޔޫއޭއީން ބުނަނީ އެޤައުމުގެ ނިއުކްލިއާ ޕްރޮގްރާމަކީ ހަމައެކަނި ސުލްހަވެރި ބޭނުމަށް ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށާއި ޔޫރޭނިއަމް މުއްސަނދިކުރުމާއި ނިއުކްލިއާ ރީޕްރޮސެސިންގެ އެއްވެސް ޕްލޭނެއް ޔޫއޭއީގައި ނެތް ކަމަށެވެ.